އޭޓީއެމަށް ޖަމާނުވެ ހުރި ފައިސާ ނެގި މީހާ ހޯދަން ފުލުހުން އާއްމުކުރި ވީޑިއޯ

ބީއެމްއެލްގެ އޭޓީއެމްއަކަށް ޖަމާނުވެ ހުރި ފައިސާ ނެގި މީހަކު ހޯދަނީ

ބީއެމްއެލްގެ އޭޓީއެމްއަކަށް ޖަމާނުވެ ހުރި އެހެން މީހެއްގެ ފައިސާތަކެއް ގެންދިޔަ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްފި އެވެ.


ފުލުހުން ހޯދަނީ މާލޭ ވިޔަފާރި ބަނދަރު ކުރިމަތީގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް ބޭންކްގެ އޭޓީއެމްއަކަށް މީހަކު ޖަމާކުރި ފައިސާ މެޝިނުން ރިޖެކްޓްކުރުމުން އެ ފައިސާ ގެންދިޔަ މީހެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މީހާ ހޯދަން ފުލުުހުން އާއްމުކުރި ވީޑީއޯ އިން ފެންނަ ގޮތުގައި، ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު އޭޓީއެމަށް ފައިސާ ޖަމާކުރެ އެވެ. ބެލެވޭ ގޮތުގައި އޭނާ އެތަނުން ދަނީ މެޝިނަށް ލީ ފައިސާތައް ޖަމާވީ ކަމަށް ބަލައިފަ އެވެ.

އެމީހާ ފައިސާ ޖަމާކުރާ އިރު އެތަނަށް އެހެން މީހަކު ވަަދެ، އޭނާގެ ފަހަތުން ކިއޫގައި މަޑުކުރެ އެވެ. ދެން ފައިސާ ޖަމާކުރަން ހުރި މީހާ ދިއުމުން މެޝިން ކައިރިއަށް ޖެހިލަ އެވެ. މެޝިނުން ފައިސާ ރިޖެކްޓްކުރުމުން، އެ ފައިސާތައް އަތަށް ނެގުމަށް ފަަހު، އޭގެ ވެރިމީހާ ހުރިތޯ އޭނާ އެނބުރި ބަލައި ވެސް ލަ އެވެ.

އެ ފައިސާ ނެގީ ކާކުކަން، ފުލުހުން އާއްމުކޮށްފައިވާ ވީޑީއޯ އިން ވަރަށް ސާފުކޮށް ފެނެ އެވެ. އޭނާ އެތަނަށް ވަންނަ މަންޒަރު ވެސް ރީތިކޮށް ފެނެ އެވެ.

މެޝިނުން އާއްމު ގޮތެއްގައި ފައިސާ ރިޖެކްޓްކުރަނީ، ބައެއް ނޫޓުތަކުގައި މައްސަލަ ހުރެގެން ކަމަށް ބެލެވެ އެވެ. ގިނަ މީހުން އޭޓީއެމް މެޝިން ކައިރިން ދުރަށް ދަނީ ޖަމާކުރުމުގެ ނުވަތަ ފައިސާ ނެގުމުގެ ހުރިހާ ކަމެއް ނިމި، ކަށަވަރުވުމުންނެވެ.

ވީޑިއޯ އާއްމުކޮށް ފުލުހުން އެދިފައި ވަނީ ފައިސާ ނެގި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށެވެ.