12 މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވިން، އެކަމަކު ޚިޔާނާތެއް ނުވަން: ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 12.9 މިލިއަން ޑޮލަރާއި 40 މިލިއަން ރުފިޔާގެ ޗެކްތަކާ ހަވާލުވިޔަސް އެ ފައިސާ އަށް ޚިޔާނާތްތެރިނުވާ ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.


އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާތަކަށް ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ކުރާ 30 ދައުވާގެ ތެރެއިން އަށް ދައުވާއެއްގެ އަޑުއެހުން މިއަދު ބޭއްވިއިރު ކުރިއަށް ގެންދިޔަ މައްސަލަތަކުގައި، ދައުލަތަށް ގެއްލިފައިވާ ކަމަށް ބުނާ ޖުމްލަ އަދަދަކީ 12.9 މިލިއަން ޑޮލަރު (198 މިލިއަން ރުފިޔާ) އާއި ދިވެހި ރުފިޔާއިން ލިބުނު 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. ދައުވާގައި ބުނާގޮތުން އެ ފައިސާތައް އެމްއެމްޕީއާރުސީ އަށް ދެއްކުމަށްޓަކައި އެކި ފަރާތްތަކުން ދޫކުރި ޗެކްތަކާ ހަވާލުވީ ޒިޔަތު ކަމަށް ވިޔަސް އެ ފައިސާ އެމްއެމްޕީއާރުސީއަކަށް ނުލިބެ އެވެ.

އަށް ދައުވާ ވަކިވަކިން އިއްވުމުން ކޮންމެ ދައުވާއަކަށް ވެސް ޒިޔަތު ވަނީ އިންކާރުކޮށްފަ އެވެ.

ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އެ ޗެކްތަކާ ޒިޔަތު ހަވާލުވިޔަސް އެއަށް ޚިޔާނާތްތެރި ވެފައި ނުވާނެ ކަމަށެވެ. އެ ޗެކްތައް ލިބުމުން ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ހަވާލުކުރީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ޗެކްތައް އެޑްރެސްކޮށްފައި ހުރީ އެމްއެމްޕީއާރުސީއަށް ކަމަށް ވާތީ އެ ޗެކްތައް އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާ ކުރެވިގެން ނުވާނެ ކަމަށާއި އެކަމަކު ފައިސާ ޖަމާކޮށްފައި ހުރީ އެސްއޯއެފްގެ އެކައުންޓަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އެސްއޯއެފް އަކީ ޚިޔާނާތުގެ އެ ފައިސާތައް ދައުރު ކުރި ކަމަށް ބުނާ ކުންފުންޏެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެސްއޯއެފްގެ އެކައުންޓަށް އެ ފައިސާތައް ޖަމާކުރުމަކީ އެމްއެމްޕީއާރުސީން ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަނާ ވެސް ޚިލާފަށް ކޮށްފައިވާ ކަމެކެވެ.

ޒިޔަތާ ދެކޮޅަށް އެ މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އެ އަށް ދައުވާ އަކީ ވެސް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ މައްސަލައެއްގެ ވެސް އިބްތިދާއީ މަރުހަލާގައި އެ ދައުވާއެއް ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ބަލައި، ގޮތެއް ނިންމަން ޖެހެ އެވެ.

މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އަށް ދައުވާއެއްގެ އަޑުއެހުން ކަމަށް ވިޔަސް ޒިޔަތާ ދެކޮޅަށް ކުރާ 30 ދައުވާގެ ތެރެއިން 15 ދައުވާއެއްގެ އަޑުއެހުން މިއަދު ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ. މެންދުރު ޝަރީއަތް މެދުކަނޑާލުމަށް ފަހު އަލުން ފެށިއިރު ޒިޔަތުގެ ވަކީލް ޔާމީން ހުންނެވީ ކޯޓުގެ އެހެން ޝަރީީއަތެއްގައި ކަމަށް ވާތީ، ގާޒީ ނިންމެވީ މިއަދު ކުރިއަށް ގެންދަން ތާވަލްކުރި މައްސަލަތަކުގެ ތެރެއިން ބާކީ އޮތް ހަތް ދައުވާގެ އަޑުއެހުން މިރޭ ކުރިއަށް ގެންދިއުމަށެވެ.

މިރޭގެ އަޑުއެހުމަށް ޒިޔަތުގެ ވަކީލް ހާޒިރު ނުވިޔަސް އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ޒިޔަތަށް ކުރާ ދައުވާގެ ތެރެއިން ބާކީ އޮތް 15 ދައުވާގެ އަޑުއެހުން މިދިޔަ ހޮނިހިރު ދުވަހު ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހުރިހާ ދައުވާތަކަށް ވެސް ޒިޔަތު އިންކާރުކޮށް، ބުނެފައިވަނީ އެ ފައިސާއަށް ޚިޔާނާތްތެރި ނުވާ ކަމަށެވެ.

ޒިޔަތު މިހާރު ވެސް ގެންދަނީ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވިކަން ސާބިތުވެގެން އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.