ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލާއެއް ދޭން އުޅުނު ބައެއްގެ މައްޗަށް ދައުވާ އުފުލައިފި

ޖާނުންފިދާވެގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.


ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ދިވެހި ދެ ފިރިހެނުންގެ މައްޗަށް ދައުވާ އުފުލީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ހިންގަން އުޅުމުގެ ދައުވާ އެވެ.

އެނގިފައިވާ ގޮތުގައި މީގެތެރެއިން އެކަކީ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރި މީހެކެވެ. ރ. މަޑުއްވަރީ އަށް އުފަން އެ މީހާ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން ޓެރަރިސްޓް ހަމަލާއެއް ދޭން ތައްޔާރުވަމުން ދިޔަ ކަމުގެ ތުހުމަތަށެވެ. އެކަމަކު އޭރު ވެސް މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

މި މީހާ ހައްޔަރުކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރި ވެސް ވި އެވެ.

ޖާނުންފިދާވެގެން ރާއްޖޭގައި ހަމަލާ ދޭން އުޅެފައިވާއިރު، ސީރިއާގައި ހިންގާ ދާޚިލީ ހަނގުރާމައިގައި ވެސް ދިވެހިން ބައިވެރިވެ އެވެ. އެ ހަނގުރާމާގައި ބައިވެރިވާން ދިޔަ ބައެއް މީހުން ހައްޔަރުކޮށްގެން ގެނެސް ޝަރީއަތް ހިންގަމުން އެބަދެ އެވެ.

ހަނގުރާމައިގައި ބައިވެރިވާން ބައެއް ދިވެހިން ދަނީ އަނބިންނާއި ކުޑަކުދިން ވެސް ގޮވައިގެންނެވެ. ރާއްޖެ އިން މިހާތަނަށް ހަނގުރާމަ އަށް ދިޔަ ސައްހަ އަދަދެއް ކަށަވަރުވެފައެއް ނުވެ އެވެ. ޑިފެންސް މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނުންނެވެ. އެކަމަކު މީޑިއާގައި ރިޕޯޓްކޮށްފައިވާ ހާދިސާތަކަށް އެކަނި ބެލިއަސް ހަނގުރާމައިގައި ބައިވެރިވާން ސީރިއާ އަށް ދިޔަ މީހުންގެ އަދަދު 49 އަކަށް ވުރެ ގިނަ އެވެ.