ޒިޔަތަށް ކުރާ 30 ދައުވާގައި ޚިޔާނާތްތެރިވި ކަމަށް ބުނާ އަދަދު 721 މިލިއަނަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކުގައި، އޭނާ ޚިޔާނާތްތެރިވި ކަމަށް ބުނާ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފި އެވެ.


އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިިސާތަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޒިޔަތަށް ކުރާ 30 ދައުވާ އިއްވައި، ނިމުނީ މިރެ އެވެ. މިދިޔަ ހޮނިހިރު ދުވަހު 15 ދައުވާއެއް އިއްވައި އަޑުއެހުން ކުރިއަށް ގެންދިޔައިރު މިއަދު ހެނދުނާއި މެންދުރު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަށް ދައުވާއެއް އަދި މިރޭގެ އަޑުއެހުމުގައި ބާކީ އޮތް ހަތް ދައުވާ ވަނީ އިއްވައިފަ އެވެ.

އެ ހުރިހާ މައްސަލަތަކެއް އެއްކޮށްލުމުން އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ބުނާ އަދަދު 721 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ 44 މިލިއަން ޑޮލަރު (681 މިލިއަން ރުފިޔާ) އާއި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. އެ ހުރިހާ މައްސަލަތަކެއްގައި ވެސް މިހާރު ކުރިއަށް ގެންދަނީ އިބްތިދާއީ މަރުހަލާގަ އެވެ.

މިރޭ ކުރިއަށް ގެންދިޔަ ހަތް ދައުވާއަކީ އެކި ފަރާތްތަކަށް ހަ ރަށަކާއި ފަޅެއް ދޫކޮށްގެން ލިބެންޖެހޭ 8.2 މިލިއަން ޑޮލަރުގެ ޗެކްތަކާ ހަވާލުވުމަށް ފަހު ޒިޔަތު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރާ ދައުވާތަކެވެ. އެ ދައުވާތައް އިއްވުމުން، އެހެން ދައުވާތަކެކޭ އެއްގޮތަށް އެ ދައުވާތަކަށް ވެސް ޒިޔަތު ވަނީ މިރޭ އިންކާރުކޮށްފަ އެވެ.

ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އެ ޗެކްތަކާ ޒިޔަތު ހަވާލުވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން އަންގާފައި އޮތްގޮތުގެ މަތިން އެ ޗެކްތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާ ހަވާލުކުރީ ކަމަށެވެ. އެކަން އެގޮތަށް ކުރީ ޚިޔާނާތްތެރިވުމުގެ ނިޔަތުގައި ނޫން ކަމަށާއި އެކަން އެގޮތަށް ކުރީ ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން އެކަން ކުރަން ޓޫރިޒަމް މިނިސްޓްރީން އޭރު އަންގާފައި އޮންނާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ޗެކްތައް ހުރީ އެމްއެމްޕީއާރުސީ އަށް އެޑްރެސްކޮށްފައި ކަމަށާއި އެކަމަކު އެ ފައިސާ ޖަމާކުރީ އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި އެއީ އެމްއެމްޕީއާރުސީން ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަނާ ޚިލާފަށް ކުރި ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޒިޔަތުގެ ފަރާތުން ޖަވާބުދާރީވުމުން ޒިޔަތާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބެއްލެވުމަށް ފަހު، އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ ހަތް ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން ޖިނާއީ ކޮންމެ މައްސަލައެއްގެ ވެސް އިބްތިދާއީ މަރުހަލާގައި، އެ ދައުވާއެެއް ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ބަލައި ގޮތެއް ނިންމަން ޖެހެ އެވެ.

އެ މައްސަލާގައި ޒިޔަތަށް ކުރާ ދެން ހުރި ދައުވާތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. އެ ހުރިހާ މައްސަލަތަކެއްގައި ވެސް ޒިޔަތުގެ ފަރާތުން ވަނީ ޖަވާބުދާރީވެ، ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ހުރިހާ މައްސަލަތަކެއްގައި ވެސް ދެން އޮންނާނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން، ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމެވެ. އެކަމަށް 30 ދުވަހުގެ މުއްދަތެއް ދެ ފަރާތަށް ވެސް ގާޒީ ވަނީ ދެއްވައިފަ އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލާގައި ޒިޔަތުގެ މައްޗަށް ކުރާ އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ކޮންމެ ދައުވާއަކަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޒިޔަތަށް އަންނާނެ އެވެ. އެހެންވެ، އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޖުމްލަ 90 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޒިޔަތަށް އައުން އެކަށީގެންވެ އެވެ.