ވިލާ ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލަމްހާ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މި އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ލަމްހާ ރޭ ހޮވައިފި އެވެ.


އެ ސްކޫލުގައި ބޭއްވި މި އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި، ލަމްހާ އަށް އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކައުންސިލް މެމްބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ދެވަނަ ނަޝާ ރަޝީދު ހޯދިއިރު ތިންވަނަ ހާސިލްކުރީ މުއިއްޒު އަނީސެވެ. މި ހުރިހާ ދަރިވަރުންނަށް ވެސް ވަނީ ގާސިމް އިބްރާހިމްގެ އެވޯޑާއި ފައިސާގެ އިނާމު ދީފަ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ މިއަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރަކަށް އެވޯޑެއް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: މިހާރު

އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދަައްކަވަމުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ އަހަރުން އަހަަރަށް ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުުރުން އެއީ ދަރިވަރުން އެންމެ ދާން ބޭނުންވާ ސްކޫލަކަށް ހެދުމަކީ މިހާރުގެ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ހައި ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ދަރިވަރުންނާ ވަރަށް ގުޅުން ރަނގަޅު، ފެންވަރު ރަނގަޅު ޓީޗަރުން ކަމަށް ސައީދު ވިދާޅުވި އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ މިއަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެވޯޑު ހާސިލްކުރި ބައެއް ދަރިވަރުންނާއެކު، ޑރ. މުުހައްމަދު އަލީ (މ) އަދި އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: މިހާރު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭ ލެވެލްގެ ގައުމީ ގަދަ 10 ގެ ދެވަނަ ހޯދި ލަމްހާ ބުނީ ސްކޫލް ޕްރިފެކްޓަކަށް އުޅެމުން އެ ސްކޫލުގެ ހުރިހާ ހަރަކާތަކެއްގައި އަދި ބަރާބަރަށް ކްލާސްތަކަށް ހާޒިރުވެފައި ވާނެ ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

ލަމްހާ ބުނީ ކިޔެވުމުގެ އިތުރުން ދީނީ ކަންތައްތަކަށް ވެސް ރަނގަޅަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން ކިޔެވުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔަކަން ލަމްހާ ފާހަގަކުރި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ 127 ދަރިވަރަކަށް އިނާމު ދީފަ އެވެ.