ބްރިޖުގެ ފީ ނިޒާމް ގާއިމުކުރަން 62 މިލިއަން ރުފިޔާގެ ބަޖެޓެއް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ގާއިމުކުރަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 62 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.


ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި، އަންނަ އަހަރު ނިންމުމަށް އަމާޒު ހިފާފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ-ހުޅުލޭގެ ބްރިޖެވެ.

އެގޮތުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން 213 މިލިއަން ރުފިޔާ އެ މަޝްރޫއަށް ޚަރަދު ކުރުމަށް ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ. ބްރިޖުގެ "ޓޯލް ކަލެކްޝަން ސިސްޓަމް" އެއް ހަރު ކުރަން ބަޖެޓުގައި ކަނޑައަޅާފައި އޮތަސް އެކަމުގެ ތަފްސީލެއް ނެތެވެ.

މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބުގައި ކޮންކްރީޓް ބޮޑެތި ބެރިތައް އެތުރުމުގެ މަސައްކަތް ކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ބްރިޖުގެ މެއިންޓެނަންސް އާއި އޮޕަރޭޝަނަށް 35 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ. ބްރިޖު ނިންމައި ފުރަތަމަ ދެ އަހަރު އެތަން މަރާމާތުކޮށް ބަލަހައްޓާނީ ޗައިނާ ސަރުކާރުންނެވެ. ބްރިޖު އެޅުމަށް އެ ގައުމުން ވެސް ބޮޑު ހޭދައެއް ކުރެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ޓޯލް ނިޒާމް ގާއިމްކުރަން ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީ ނެގުން ނުވަތަ ޓޯލް ނިޒާމް ޑިޒައިންކޮށް ނިމޭނެ ދުވަހެއް އަދި ޓޯލްގެ ގޮތުގައި ނަގާނެ މިންވަރެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާގެ ސީސީސީސީ ކުންފުނިން އިއްޔެ ބުނީ ބްރިޖުގެ 67 ޕަސެންޓު މަސައްކަތް ނިމި ބްރިޖުގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. ދިވެހި ސަރުކާރުން ތައްޔާރުވަނީ އަންނަ އަހަރުގެ އަންނަ އަހަރުގެ ޖުލައި 26 ގައި ބްރިޖު ހުޅުވުމަށެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.