ހޯމް މިނިސްޓްރީގެ ނައިބަކަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ތޮލާލް ހަމަޖައްސައިފި

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލްގެ މަގާމުން މި ހަފުތާގައި އިސްތިއުފާ ދެއްވި މުހައްމަދު ތޮލާލް ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.


ޕީޕީއެމް އުފެދުނީއްސުރެ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ހުންނެވީ ތޮލާލެވެ.

ތޮލާލް "މިހާރަ"ށް ވިދާޅުވީ ހޯމް މިނިސްޓްރީގެ ނައިބަކަށް އޭނާ ހަމަޖެއްސިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ވަޒީފާ އަށް ނިކުންނަން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނ ީ ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މައްޗަންގޮޅި ކަސެންކާ އަތާއުﷲ އަހުމަދު ރަޝީދާއި އެ މިނިސްޓްރީގެ ނައިބުގެ މަގާމަށް މާފަންނު މާހިއާ ލީޝާ މުހައްމަދު ވެސް އައްޔަން ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ތޮލާލް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަސްތަކެއް ކުރިމަތިވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ގުޅުން ގޯސްވެ ޕާޓީ މިހާރު އޮތީ ދެބައި ވެފަ އެވެ.

މައުމޫން ވަނީ ޕީޕީއެމްގެ އިސްލާހީ އެޖެންޑާއެއް އެކުލަވާލައްވައި، ބައެއް ކަންކަން ކުރައްވާނެ ޓައިމްލައިނެއް ވެސް އެކަށައަޅުއްވައިފަ އެވެ. އަދި އެކަންކަމުގައި މައުމޫނަށް ލަފާއެރުވުމަށްޓަކައި ވަނީ މަޝްވަރާ މަޖިލިހެއް ވެސް އުފައްދަވައިފަ އެވެ.