އިދިކޮޅު އިއްތިހާދާ ގުޅުމަށް ގާސިމަށް ދައުވަތު ދީފި

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕިޒިޝަންއާ ގުޅިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިރޭ ދައުވަތު ދީފައި ވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.


ގާސިމާ ބައްދަލުކުރެއްވުމަށް ގާސިމްގެ ގެއަށް ވަޑައިގަތުމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވި ގޮތުގައި އެ ދައުވަތާ މެދު ވިސްނާ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއާ އެކު ގާސިމާ ބައްދަލުކުރެއްވުމަށް ފަހު އަލީ ޒާހިރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު އަމަލުކުރައްވަމުން ގެންދަވާ ގޮތުން ޔާމީނަށް ކާމިޔާބުވަޑައިގަންނަވާނެ ކަމުގެ އުންމީދެއް ނެތެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ގާސިމާ ބައްދަލުކޮށްފައި ވާއިރު މީގެ ކުރިން، ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުންނާއި ރައީސް އަބްދުﷲ ޔާމީނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ގާސިމާ އެކު މަޝްވަރާކުރައްވައިފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން މިރޭ ގާސިމް އިބްރާހިމާ ބައްދަލުކުރުމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަދި އަލީ ޒާހިރު ގާސިމްގެ ގެއަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފަށް ވޯޓު ދެއްވި މައްސަލާގައި ޕީޕީއެމް އިން ވަކިކުރަން ނިންމާފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް މިރޭ ގާސިމާ އެކު މަޝްވަރާ ކުރައްވަން ގާސިމްގެ އަރިހަށް ވަޑައިގެން ކަމަށް އަޑު ފެތުރިފައިވެ އެވެ.

އިއުލާނު ކުރުމަކާ ނުލައި ރަށްތައް ކުށްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ނުދެއްވި މައްސަލާގައި ފާރިސް ޕާޓީން ވަކިކުރަން ނިންމާފައި ވާއިރު ފާރިސްގެ ބައްޕާފުޅު އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދި ޕާޓީ ދެބައި ވެފަ އެވެ. ޕާޓީ ތެރޭގެ މައްސަލަ ގޯސްވެފައި ވަނިކޮށް، މައުމޫންގެ ދަރިކަނބަލުން ދުންޔާ މިއަދު ވަނީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.