ކާށިދޫގައި ޖަލު އަޅަން ހުރި ފައިސާ ހުރާ ބިން ހިއްކުމަށް

ކ. ކާށިދޫގައި ޖަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮއްވައި، އެކަން ނުކުރަން ނިންމައި، އެ ފައިސާ އިން އެ އަތޮޅު ހުރާގެ ބިން ހިއްކުމަށް ނިންމައި ބަޖެޓް ދިރާސާ ކުރި ކޮމެޓީން މިއަދު ބަޖެޓް ފާސްކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކާށިދޫގައި 300 މީހުންގެ ޖާގައިގެ ޖަލެއް ހެދުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 26 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެކަމަކު، ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމާއި އެމްޑީއޭގެ 12 މެމްބަރުންގެ އިއްތިފާގުން ނިންމެވީ ކާށިދޫގައި މި ވަގުތަށް ޖަލެއް އެޅުމަށް ނުފެންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކާށިދޫގައި ޖަލު އަޅަން، އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނަން ނުފެންނަ ކަމަށް ކޮމެޓީން ފާސް ކުރި އިރު، އެ ރަށުގައި ޖަލު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ބައެއް ސާމާނުތައް ވެސް އެ ރަށަށް ގެންގޮސްފައިވާ ކަމަށްވެ އެވެ. ހުރާ ބިން ހިއްކުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނައި ދިނުމަށް ކޮމެޓީ އަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް ވިދާޅުވީ ހުރާ ބިން ހިއްކުމުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރެއްވި ކޮމެޓީ ބައްދަލުވުމުގައި ބަޖެޓު ދިރާސާކޮށް ނިންމި އިރު، ބަޖެޓު ދިރާސާކުރި ކޮމެޓީގެ ފަރާތުން ސަރުކާރަށް ތިން ރިކޮމެންޑޭޝަނެއް ހުށަހެޅުމަށް ވެސް ފާސް ކުރި އެވެ.

ރިކޮމަންޑޭޝަންތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ބޯހިޔާވަހިކަމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށް ސަރުކާރަށް ހުށަހެޅުމަށެވެ.

މީގެ އިތުރުން ދިރާގާއި އެމްޑަބްލިއުއެސްސީގެ މެޖޯރިޓީ ހިއްސާ ދައުލަތަށް ބަދަލު ކުރުމަށް ކުރަން ހުރި އެންމެހާ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ކުރުމަށް ސަރުކާރަށް ލަފާ ދީފައިވެ އެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މިނިވަން ބައެއް މުއައްސަސާތަކަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓު ކުޑަވެގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ކަންކަމަށް ވީހާ ވެސް އަވަހަކަށް ހައްލެއް ގެނައުމަށް ފިނޭންސް މިނިސްޓްރީ އަށް ރިކޮމަންޑޭޝަނެއްގެ ގޮތުގައި ފާސްކޮށްފައިވެ އެވެ.