މިސްކިތްތައް ކައިރީ ސިޔާސީ ހަރަކާތް ހިންގިޔަކަ ނުދޭނަން: ޕޮލިސް

މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ފުލުހުން މިހެން ބުނެފައި ވާއިރު، މާދަމާ އީދު ނަމާދަށް ފަހު، ސަރުކާރާ އިދިކޮޅު އިއްތިހާދުން އިސްލާމީ މަރުކަޒު ކައިރީ ހާއްސަ ދުއާއެއް ކުރަން ވަނީ ނިންމައިފަ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިސްކިތްތަކަކީ ހުރުމަތްވެގެންވާ ތަންތަނަށް ވެފައި މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނީ ގޮތުން މަނާކަމަކަށްވާތީ، އެ ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތްތައް ހިންގާ ނަމަ ހުއްޓުވާނެ ކަމަށެވެ.

"މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގާ ނަމަ އެކަމެއް ހުއްޓުވަން ވެސް މޯލްޑިވްސް ޕޮލިސް ސާވިސް ސާވިސް އިން ވަނީ ނިންމާފައި،" ބަޔާނުގައިވެ އެވެ.

މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެ އީދު ކުޅިވަރުތަކާއި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ ކިބައިން ފުލުހުން ވަނީ އެދިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިިދިޔަ އަހަރު ހައްޔަރުކުރި ފަހުން، އިދިކޮޅު ފަރާތްތަކުން އަންނަނީ ނަޝީދަށް ރައްކާތެރިކަން ދެއްވުމަށާއި ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނެސްދެއްވާތޯ ކޮންމެ ހުކުރު ނަމާދަކަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާކުރަމުންނެވެ.