ބަޖެޓް ފާސްކުރުން މާދަމާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުން މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.


މާދަމާ ހެނދުނު 11:00 ގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހެޅުމެވެ. އެ ރިޕޯޓު ހުށަހެޅުމުން ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން، މާދަމާގެ ޖަލްސާގައި ބަޖެޓު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ "ބޮޑު އޮޅުވާލުމެއް" ކަމަށް ބުނެ އެ އަށް ވޯޓު ނުދޭން އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ބަޖެޓް ފާސްކުރުމުގެ ޖަލްސާގައި، މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައި ހާޒިރުވެވަޑައިގެން ތިއްބަވަން ޖެހޭނެ ކަމަށެވެ. އެ އަދަދަށް މެމްބަރުން ހާޒިރުވެވަޑައިނުގެންފި ނަމަ ބަޖެޓް ސައްހަވާނެ ކަމަށް ޕާޓީތަކުން ގަބޫލެއް ނުކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓުގެ އަދަދަށް ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އެއްވެސް ބަދަލެއް ނުގެނެސް އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ކޮމެޓީން ބަޖެޓު ފާސް ކުރިއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކާށިދޫގައި ޖަލެއް އެޅުމަށް ހިމަނާފައި އޮއްވައި، އެކަން ނުކޮށް، އެ ފައިސާ އިން އެ އަތޮޅު ހުރާގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރަށް ތިން ރިކޮމަންޑޭޝަނެއް ހުށަހެޅުމަށް ވެސް ކޮމެޓީން ފާސް ކުރި އެވެ.

އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރެއްވި ކޮމެޓީ ބައްދަލުވުމުގައި ބަޖެޓު ފާސް ކުރީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ 12 މެމްބަރުންގެ އިއްތިފާގުންނެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަ ކޮމެޓީގައި ތިއްބަވާ އިދިކޮޅު މެމްބަރުން ވަނީ ބައްދަލުވުންތައް ބޮއިކޮޓް ކުރައްވައިފަ އެވެ.

ބަޖެޓުގައި ހަރަދު ކުރަން ހިމަނާފައި އޮތީ 24.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު ވެސް ވަނީ 27.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.