ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔެވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.
ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، މި އަހަރުގެ އޯ ލެވެލްގެ ނަތީޖާ ދޫކުރުމާއެކު، އަންނަ ޖެނުއަރީ 17 އިން 28 އާ ހަމައަށް ފޯމް ބަލައިގަންނާނެ ކަމަށެވެ.
ސައީދު ވިދާޅުވީ ވިލާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އޯ ލެވެލްގެ ފަސް މާއްދާ އިން ފާސްވާ ދަރިވަރުންނަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއަށް ވުރެ ނަތީޖާ ދަށް ދަރިވަރުންނަށް ވެސް ފުރުސަތު ދޭނެ ކަމަށާއި އެކަމަކު މަހު ފީއެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގްރޭޑް 11 އަށް އަލަށް ވަންނަ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު 50 ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ސްކޮލަޝިޕް ދޭނެ ކަމަށެވެ. އެ ސްކޮލަޝިޕް ލިބޭނީ ގައުމީ ގަދަ 10 އަކުން 1،2 އަދި ތިން ވަނަ ހޯދާފައިވާ ދަރިވަރުންނަށެވެ.
މީގެ އިތުރުން ބްރިލިއަންސް އެވޯޑާއި ކުޅިވަރުގެ އެވޯޑު ހޯދާފައިވާ ދަރިވަރުންނަށް ވެސް އެ އެހީ ލިބޭނެ ކަން ސައީދު ފާހަގަކުރެއްވި އެވެ.
ސައެންސާއި ބިޒްނަސް އަށް ކިޔަވައިދެމުން އަންނަ ވިލާ ސްކޫލުން އަންނަ އަހަރު 600 އެއްހާ ދަރިވަރުންނަށް ފުރުސަތު ދޭނެ އެވެ.