އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ޕްރޮޕޯޒަލް ފޮތް ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ޕްރޮޕޯޒަލްތައް ބަލައިގަންނަން ހަމަޖައްސާފައިވަނީ ޑިސެމްބަރު 31 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ޕްރޮޕޯޒަލް ހުށަހެޅޭނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ފާހަގަކޮށްފައިވާ ޝަރުތުތައް ހަމަވާ ކުންފުނިތަކަށް އެކަންޏެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދަން އެދޭ ކުންފުންޏަކީ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ބަޔަކަށް ނުވުން ހިމެނެ އެވެ. މީގެ އިތުރުން އުސޫލުތަކާ ހިލާފަށް ހައްޖަށް ނުވަތަ އުމްރާއަށް ގެންދަން ފައިސާ ނަގައި ހިޔާނަތްތެރިވިކަން ސާބިތުވެފައިވާ މީހެއް، ޑިރެކްޓަރުންގެ ބޯޑު ނުވަތަ މެނޭޖްމަންޓުގައި ނުހިމެނުން ވެސް ހިމެނެ އެވެ.

އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް މިނިސްޓްރީން ވަނީ މި ފަހުން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. ކުރިން ތިން އަހަރަށް ހުއްދަ ދިން ނަމަވެސް މިނިސްޓްރީން މިހާރު ނިންމާފައި އޮތީ އުމްރާއަށް މީހުން ގެންދަން ހުއްދަ ދޭނީ އެއް އަހަރަށް ކަމަށެވެ. އަދި ހުއްދަ ދޭ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު 2،000ރ ގެ ފީއެއް މިނިސްޓްރީއަށް ދައްކަން ޖެހެ އެވެ.