ދ. މީދޫގައި އާދަޔާހިލާފަށް ފެންބޮޑުވެ، ހާލުގައި ޖެހިއްޖެ

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ދ. މީދުއަށް ބޯކޮށް ވާރޭވެހި، އާދަޔާހިލާފަށް މިއަދު ފެންބޮޑުވެއްޖެ އެވެ. އަދި ބައެއް ގޭގޭގެ މީހުން ހާލުގައި ޖެހިފައިވާ ކަމަށް، ކައުންސިލުން ބުނެ އެވެ.


މީދޫ ކައުންސިލުން ބުނީ ރޭ ފަތިހު ބޯކޮށް ވެހެން ފެށި ވާރޭ ހުއްޓާލީ މީގެ އިރުކޮޅެއް ކުރިން ކަމަށެވެ. އޭރު ރަށުގެ މަގުތަކުގައި ތިން ފޫޓަށް ފެންބޮޑުވެފައި ވާއިރު، ބައެއް ގެތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މީދޫ ސްކޫލުގެ ކްލާހެއްގެ ތެރޭގައި ފެންބޮޑުވެފައި

"މީގެ ކުރިން ވެސް މި ރަށުގައި ފެންބޮޑުވޭ. އެކަމަކު ދުވަހަކު ވެސް މިހާ ބޮޑަކަށް ފެންބޮޑެއް ނުވޭ،" މީދޫ ކައުންސިލް މެމްބަރު މުހައްމަދު ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. އަދި ޖަންކްޝަންތަކާއި ފާހާނާތައް ވެސް "އޯވާފްލޯ"ވެ، އެތަންތަނުން ނަޖިސް ފެން އަރަމުންދާ ކަމަށާއި އެހެންވެ، ރަށުތެރެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ތައުފީގް ވިދާޅުވި އެވެ.

"ގިނަ ގޭގޭގައި ކައްކާ ނުކެވޭ. ހިފާ ގެންގުޅޭ ގިނަ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައި. ވަރަށް އެހެން ކަހަލަ ހާލަތެއްގައި މިތިބީ،" އޭނާ ވިދާޅުވި އެވެ.

މީދޫގެ މަގެއްގެ މަތިން ކުދިންތަކެއް ދުވެފައި ދަނީ

ގޭގެއަށް ފެން ވަނަ ނުދިނުމަށް، ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާތައް މިހާރު އަންނަނީ ޖަހަމުންނެވެ. އަދި ސިފައިން ވެސް އެ ރަށަށް ގޮސް، ޕަމްޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު އަދި ހާލަތު މުޅިން ހަމައަކަށް ނޭޅޭ ކަމަށް ކައުންސިލުން ބުންޏެވެ.

ތައުފީގު ވިދާޅުވި ގޮތުގައި އެހާ ބޮޑަށް ރަށުގައި ފެންބޮޑުވީ، ރަށުގެ ބޮޑު ބައެއް ހިއްކާފައި އޮތް އިރު، އެ ފަސްގަނޑު އުސްވުމުންނެވެ. މީދޫގެ ދެބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު ބައި ހިއްކާފައި އޮތްއިރު، އެތަނަށް އެޅޭ ހުރިހާ ފެނެއް ޖަމާވަނީ މީހުން ދިރިއުޅޭ ސަރަހައްދަށެވެ.

މީދޫ ސްކޫލު ސަރަހައްދުގައި ފެންބޮޑުވެ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައި

މީދުއަށް އަދިވެސް މޫސުމް ވަރަށް ގޯހެވެ. އެހެންވެ، އަދިވެސް ވާރޭ ވެހި، ފެންބޮޑުވާނެތީ ރަށުގެ ރައްޔިތުން ތިބީ "އެލާޓު"ގައި ކަމަށް ތައުފީގު ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައަކީ ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެ ކަމަށް އެތަނުން ބުނެފައިވެ އެވެ.