ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ގާނޫނެއް ހަދަނީ

ޗައިނާއާ އެކު ސޮއިކުރާ ފްރީ ޓްރޭޑް އެއްބަސްވުން ތަންފީޒުކުރަން ގާނޫނެއް ހަދަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީއަށް ބަންޑާރަނައިބު ލަފާދީފި އެވެ.


ޗައިނާއާ އެކު ސޮއިކުރަން ނިންމި އެއްބަސްވުމަށް ރުހުން ހޯދަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރެވޭނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަމަޖެހިގެން ކަމަށް ވާތީ، އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ ގާނޫނު، ގާނޫނު އަސާސީގެ 93 މާއްދާގެ ށ.ގެ ދަށުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ ސިޓީފުޅާ އެކު އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައި ވަނީ އެ އެއްބަސްވުމަށް ވަނުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައިވާ ކަމަށެވެ. އަދި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ލަފާ ދެއްވާފައި ވަނީ އެ އެއްބަސްވުމަށް ވަނުމަށް ގާނޫނީ ގޮތުން އިއުތިރާޒްކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ލަފާގައި ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެ އެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަން ރައްޔިތުންނަށް ލާޒިމް ވަނީ މަޖިލީހުން ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށް ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް، ބަންޑާރަނައިބުގެ ލަފާގައިވެ އެވެ. އެހެންވެ އެ އެއްބަސްވުމުގައި ބައިވެރިވި ނަމަވެސް އެ އެއްބަސްވުމުގައި ބަޔާންކުރާ ކަންކަމަށް އަމަލުކުރަން ރައްޔިތުންނަށް ލާޒިމްކުރެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެފައިވެ އެވެ.

ޗައިނާއާ އެކު އެފްޓީއޭގައި ރާއްޖޭން ސޮއިކުރާ ގޮތަށް ކެބިނެޓުން ބުރާސްފަތި ދުވަހު ނިންމުމާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އެ ބޮޑު އެއްބަސްވުން އެންމެ 30 މިނެޓުގެ ތެރޭގައި ދިރާސާކޮށް މިނިވަން ވިިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރަން ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ރުހުން ދީފަ އެވެ. އެކަމަކު އެހާ ބޮޑު ކަމަކަށް ބަލާއިރު އެންމެ 30 މެމްބަރުންގެ ވޯޓަކީ ވަރަށް ކުޑަ މިންވަރެއް ކަމަށް، އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގަތީ މުޅިން ވެސް ސަރުކާރު ފަޅީގެ މެމްބަރުންނެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ.