ވިއްސާރަވުމުގެ ކުރިން ދުރާލާ އަންގާފައި ވާނެ: މެޓް

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގެ މައުލޫމާތުތައް ކުރިން ރައްޔިތުންނަށް ހިއްސާކޮށްފައިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.


ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، "ސައިކްލޯން އޯޗީ" އާ ގުޅިގެން އުފެދުނު ބައެއް ވިލާތައް ރާއްޖޭގެ ސަރަހައްދަށް ދަނީ އަރަމުންނެވެ. އެގޮތުން އުތުރުގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ރައްޔިތުންގެ މުދާތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ތޫފާނެއްގެ ކޮޅިގަނޑެއް އައިއިރު މެޓް އޮފީހުން ދުރާލާ އިންޒާރު ދީފައި ނުވާ ކަމަށް ބުނެ، ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން އެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ލަންކާ ސަރަހައްދުގައި ލޯ ޕްރެޝަރެއް އުފެދިފައިވާތީ އެކަމަށް ސަމާލުވާން ރައްޔިތުންނަށް އިލްތިމާސް ކުރަމުން ދިޔަ ކަމަށެވެ. އަދި ބައެއް އެލާޓްތައް ވެސް ނެރެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނަކީ މިހާރު އުފެދިގެން އުޅޭ ތޫފާން އޯޗީއާ ގުޅުން ހުރި ބަޔާނެއް ނޫނެވެ. އެ ބަޔާނަކީ ރާއްޖެއާ ދުރުން، އިންޑޮނޭޝިއާ ކައިރިން އުފެދިގެން އުޅޭ ލޯ ޕްރެޝަރަކާ ގުޅިގެން ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ދޮގު ކުރުމަށް މެޓް އޮފީހުން ނެރުނު ބަޔާނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ލޯ ޕްރެޝަރުގެ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފައެއް ނުކުރެވޭ. އަދި އެ ލޯ ޕްރެޝަރު ތޫފާނަކަށް ވެސް އަދި ބަދަލެއް ނުވޭ،" ޝަރީފް "މިހާރު" އަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑާ ގުޅިގެން ރައްޔިތުންނާ ހަމައަށް އެންމެ ފުރިހަމަ މައުލޫމާތުތައް ގެނެސްދީފައިވާނެ ކަމަށެވެ. އަދި ކޮޅިގަނޑު، ތޫފާނަކަށް ބަދަލުވި ހިސާބުން އުފެދުނު ބައެއް ވިލާތައް ރާއްޖެއާ ދިމާލަށް އަންނާނެ ކަން ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޫފާނު ރާއްޖެއާ ދުރަށް ދާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.