ތޫފާނުގައި މަލިކަށް ބޮޑެތި ގެއްލުންތަކެއްވެ ހާލުގައި ޖެހިއްޖެ

އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި އުފެދިފައިވާ ތޫފާން އޮކްޝީ މިއަދު ހެނދުނު މަލިކަށް އެރުމުގެ ސަބަބުން އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.


މަލިކުން ވާހަކަ ދެއްކި ހުސޭނު ބުނީ މިއަދު ހެނދުނު ތޫފާނުގެ ގަދަ ވަޔާ އެކު، އަތިރިމަތީ ހުރި ހުރިހާ ގެއެއްގެ ފުރާޅު އެއްލާލައި އެ ގެތައް ހަލާކުވެފައިވާ ކަމަށެވެ. އަދި އިއްޔެ އެހެލި ދެ ދޯންޏެއް ފިޔަވައި ހުރިހާ ދޯންޏެއް އަޑި އަށް ގޮސްގެންނާއި އެހެން ގޮތްގޮތުން ހަލާކުވެފައިވާ ކަމަށް އޭނާ ބުންނެވެ. އަދި ބައެއް ހާދިސާތަކުގައި ބައެއް މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.

"މި ތިބީ ވަރަށް ހާލުގައި. އިލެކްޓްރިސިޓީއެއް ވެސް ނެތް. ހަތަރު ވަރަކަށް ދުވަހުގެ ކުރިން ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތް،" މަލިކުގައި ހުރެ ފޯނުން ދިން އިންޓަވިއުގައި ހުސޭނު ބުންޏެވެ.

އޭނާ ބުނީ މީހެއްގެ ހާލު ބަލައިލަން ގެ އިން ބޭރަށް ވެސް ނުކުމެވެން ނެތް ކަމަށާއި މުޅި ރަށުގައި ފެން ބޮޑުވެފައިވާ އިރު މަގުތައް މަތިން ފެންނަނީ ވެއްޓިފައިވާ ރުއް ގަސް ކަމަށެވެ. ކުރިން ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް އަދި ދިވެހި ބަސް ބޭނުންކުރާ މަލިކަށް މިހާ ގަދަ ވިއްސާރައެއް ކުރިން ކޮށްފައިވާކަން އެނގެން ނެތް ކަމަށް ހުސޭނު ބުންޏެވެ.

"ވައި ގަދަކަމުން ރުއްތައް މިހާރު ވެސް ހީވަނީ ބިންދައިގެން ހިނގައިދާނެހެން. އެހެންވެ ބޭރުގައި އުޅޭކަށް ނުކެރޭ. އެކަމަކު މިހާރު ކުޑައިކޮށް ސަހަލު،" އިރު އޮއްސުނު ވަގުތު ދިން އިންޓަވިއުގައި ހުސޭނު ބުންޏެވެ.

މަލިކަށް ތޫފާނުގެ ގަދަ ވައި ޖެހެނީ

"ގަވަމެންޓް ކޮޓޭޖްތައް ވެސް ހަލާކުވެ އެ އެންމެން އިސްކޫލްތަކަށް ބަދަލުކޮށްފި. ދެން އެ ނޫން ގޮތެއް ނޯންނާނެތާ،" އޭނާ ބުންޏެވެ.

ހުސޭނު ބުނި ގޮތުގައި 12،000 ގެ އާބާދީއެއް އޮންނަ މަލިކު މި ވަގުތު އޮތީ ވަރަށް "ދެރަ ހާލަތެއްގަ" އެވެ. އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ މަލިކަށް ލިބުނު ގެއްލުންތަކާ އެކު އެހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހުސޭނު ބުންޏެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނާ އެންމެ 81 މޭލު ދުރުގައި އޮންނަ މަލިކަށް ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ތޫފާނުގެ ސަބަބުން ރާއްޖެ އަށް ވެސް ދަނީ ގަދަޔަށް ވިއްސާރަ ކުރަމުންނެވެ. ފެންބޮޑުވުމާއި ރާޅު އެރުމާއި ރުއްގަސް ވެއްޓުން ފަދަ ހާދިސާތައް ރާއްޖޭގެ ވެސް އެކި ރަށްތަކަށް ކުރިމަތިވެފައިވާ އިރު، އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށެވެ.

ތޫފާން އޮކްޝީގެ ސަބަބުން އިންޑިއާ އާއި ސްރީ ލަންކާގެ އެކި ހިސާބުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް މީހުން ވަނީ މަރުވެފަ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން މިއަދު މެންދުރު ތޫފާނާ ބެހޭ ގޮތުން އާންމުކުރި މައުލޫމާތުގައި ބުނެފައި ވަނީ ތޫފާނުގެ މިސްރާބު ހުރީ މަލިކު ކައިރިން ހުޅަނގު އުތުރަށް ކަމަށެވެ. އަދި މަލިކު ހިމެނޭ ސަރަހައްދަށް ތޫފާނު އެރީ މިއަދު ހެނދުނު 11:30 ގައި ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ގަދަޔަށް ވިއްސާރަ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މިހާރު ވެސް ވަނީ 74-80 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި 90 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް އިންޒާރު ދީފަ އެވެ.