އަދީބު އަވާހަރަކޮށްލަން އުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ފައިލްކޮށްފި

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލަ ފައިލްކޮށްފި އެވެ.


އަދީބުގެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހްފޫޒު ސައީދަށް ފުލުހުން އިއްޔެ ފޮނުވި ޗިޓެއްގައި ބުނީ އަދީބު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ދެ ވަކީލުންގެ ފަރާތުން އެއްބާރުލުން ނުލިބުމާ ގުޅިގެން، ތުހުމަތު ކުރެވޭ ފަރާތެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާ ކުރުމުން، މިހާތަނަށް ލިބިފައިވާ މައުލޫމާތުން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެފައިވާތީ، އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް ނިންމައި މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ފައިލްކުރީ ވަކީލުންގެ އެއްބާރުލުން ނުލިބިގެން ކަމަށް ފުލުހުން ބުނި ނަމަވެސް ސިރާޖު ވިދާޅުވީ އެއްބާރުލުން ދީފައިވާނެ ކަމަށާއި ނަމަވެސް މައުލޫމާތު ފޯރުކޮށްދިން ފަރާތުގެ ވަނަވަރު ފޯރުކޮށްދިނުމަށް ދެކޮޅު ހަދާފައިވާނެ ކަމަށެވެ.

އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށް، މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފަށް ވަކީލުން ފޮނުވި ސިޓީގައި ވަނީ އަދީބު ދޫނިދޫ ގޮޅީގައި އޮއްވައި އަވަހާރަ ކޮށްލަން ރޭވުންތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، ހާއްސަ ސަމާލު ކަމެއް ދީގެން އެކަން ތަހުގީގު ކުރުމަށް ވަކީލުން ވަނީ އެދިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ކުރިން ވަނީ ދޮގުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ދޫނިދޫ ޖަލުގައި އަދީބު ހުންނެވީ ފުރިހަމަ ރައްކާތެރިކަމާ އެކު އެވެ.

އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ދިން ފަރާތެއް ހާމަ ނުކުރުމުން ވަކީލުންގެ ފޯނު ހިފަހައްޓައި ޖިނާއި ތަހުގީގެއް ފުލުހުން މީގެ ކުރިން ވަނީ ފަށައިފަ އެވެ. އެކަމަކު، އެ މައްސަލާގައި ދެ ވަކީލުންގެ މައްޗަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ދޫނިދޫގައި ޖަލުގައި އޮންނެވި އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށާއި ލޮލުގެ ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެހެންވެ، އެހެންވެ ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ހުއްދައެއް ނުދެ އެވެ.