އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވޭނެ: ޕޮލިސް

އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އަންނަ ހޯމަދުވަހުގެ ރޭ މާލޭގައި ހިނގާލުމެއް ބާއްވަން އެ ޕާޓީން ރަސްމީކޮށް ފުލުހުންނަށް އަންގާފައިވީ ނަމަވެސް، އެ ހަރަކާތަށް ހުއްދަ ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.


ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހު މާލޭގެ މަގުތަކުގައި، އެމްޑީޕީން ހިނގާލުމެއް ބޭއްވުމަށާއި އަދި ހިނގާލުން ކުރިޔަށްދާ ވަގުތު ބައެއް ސަރަހައްދު ތަކުގައި ޝުއޫރު ފާޅުކުރަން ބޭނުންވާ ކަމަށް އެ ޕާޓީން އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީއާ މަޝްވަރާ ކުރުމަށް އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވޭނެކަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިނގާލުން ބާއްވަން އެމްޑީޕީން ނިންމާފައި ވަނީ ހޯމަދުވަހުގެ ރޭ 9:00 އިން ދަންވަރު 12:00 އަށެވެ.

ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ބުނީ "ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ހުށަހެޅެމުން ދާތީ މަގުމަތީގައި ސިޔާސީ ޙަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭން" ނިންމާފައިވާ ކަން އެމްޑީޕީ އަށް އަންގާފައިވާ ކަމަށެވެ.

"އެހެންވީމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދިފައިވާ ގޮތަށް 2016 ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ން 00:00 އަށް މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭނެ ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނިންމުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތެއް ހުއްޓުވާނެކަން ވެސް މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިއަށް އަންގާފައެވެ،" ފުލުހުން ބުންޏެވެ.

އެއްވެ އުޅުމަކީ ގާނޫނުއަސާސީ އަދި އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގެއް ކަމުގައި ވިޔަސް ފުލުހުން ފަހަކަށް އައިސް އެ ފުރުސަތެއް ނުދެ އެވެ.