އެމެޓީއަށް 194،000 ދައްކަން މުސްތަފާގެ މައްޗަށް ކުރި ހުކުމް ދަމަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަމިއްލަ ކުންފުންޏަކަށް 194،000ރ. ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.


މުސްތަފާ، އެމެޓީ އެންޓަޕްރައިސަސް އަށް 194،000ރ. ދައްކަން ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އެ ކުންފުނިން މުސްތަފާ އަށް ކުއްޔަށް ދީފައި ހުރި ތަނެއްގެ ކުލީގެ ފައިސާ ނުލިބިގެން ދައުވާ ކުރުމުންނެވެ.

އޭގެ އިތުރަށް 193،000ރ. މުސްތަފާ އަތުން ހޯދަން ވެސް އެމެޓީ ކުންފުނީގެ ދައުވާގައި އެދުނެވެ. އެކަމަކު ސިވިލް ކޯޓުން ނިންމާފައި ވަނީ އެ ފައިސާ މުސްތަފާ ކުރިން ދައްކާފައި އޮތްކަން ސާބިތުވާތީ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް މުސްތަފާގެ ފަރާތުންނާއި އެމެޓީ ކުންފުނިން ވެސް އިސްތިއުނާފްކުރި އެވެ. މުސްތަފާގެ ފަރާތުން އިސްތިއުނާފް ކުރީ ކުލީގެ ގޮތުގައި 194،000ރ. ދައްކަން އެ ހުކުމުގައި އޭނާގެ މައްޗަށް އަމުރުކުރި ބައެވެ. އެމެޓީ ކުންފުނިން އިސްތިއުނާފްކުރީ މުސްތަފާ އަތުން އެ ކުންފުނިން އިތުރަށް ހޯދަން އެދުނު 193،000ރ. ނަގައިދެވެން ނެތް ކަމަށް ހުކުމުގައި ނިންމި ބައެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެމެޓީ ކުންފުނިން އިސްތިއުނާފް ކުރި މައްސަލާގައި ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައިވާތީ، މުސްތަފާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި އިތުރު ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެމެޓީ ކުންފުނިން އިސްތިއުނާފް ކުރި މައްސަލާގައި އިއްޔެ ހައި ކޯޓުން ކުރި ހުކުމުގައިވަ ނީ އެ ކުންފުނިން އިތުރަށް ހޯދަން އެދުނު 193،000ރ. އަކީ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ނަމަ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ. އެހެންވެ، މަޖިލިސް އިންތިޚާބުގައި ވާދަ ކުރާއިރު ވެސް ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ދާންޖެހޭނެ އެވެ.

މީގެ ކުރިން 2012 ގައި ވެސް މުސްތަފާގެ ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަން ސާބިތުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭނާ ޕީޕީއެމުން ވަކި ކުރުމުންނެވެ. އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން މުސްތަފާ އޮތީ ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވައިފަ އެވެ. އޭނާގެ އިތުރުން އިތުރު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.