އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން އަލުން ހުޅުވާލައިފި އެވެ.


އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް މިދިޔަ އަންގާރަ ދުވަހު ވެސް އިއުލާނުކުރި އެވެ. އެކަމަކު އިއްޔެ މުއްދަތު ހަމަވިއިރު އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ ރައީސް އޮފީހުން ވަނީ އިއުލާނު ބާތިލްކޮށްފަ އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނީ އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ފަދަ އިދާރާތަކުގެ މައްސަލަތައް ބެލުމުގެ ޒިންމާ އުފުލަން ޖެހޭ އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުރުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައި ވުމާއި ފަސްޓް ޑިގްރީއެއް އޮތުމާއި އަދި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

އެންއައިސީ އަށް މެންބަރަކު މި ހޯދަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމުން ހުސްވި މަގާމަށެވެ. މާނިއު ވަކިކުރީ އެންއައިސީގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.