ފިކުރު އެއްގޮތް ނުވުމަކީ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ހުރަހަކަށް ވެގެން ނުވާނެ: ރައީސް

ޚިޔާލު ތަފާތުވެ ފިކުރު އެއްގޮތް ނުވުމަކީ ސަރަހައްދީ ފެންވަރުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އޮތް ހުރަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.


މިއަދު ފާހަގަކުރާ 33 ވަނަ "ސާކް ޗާޓަ ޑޭ" ގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި މެސެޖެއްގައި، މިއީ ފެތުރިފައިވާ ބައިބޯ އާބާދީއެއް ހިމެނޭ ސަރަހައްދެއް ކަމަށާއި މިސަރަހައްދަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފީ ގޮތުން ވެސް ތަފާތުތަކެއް ހިމެނޭ ބަޔަކު ދިރިއުޅޭ ސަރަހައްދެއްކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި ފަހަކަށް އައިސް ސާކް ސަރަހައްދުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވީ ނަމަވެސް ލިބެމުންދާ ފަހި ފުރުސަތުތަކާ އެކު، ސާކްގެ ގައުމުތަކުން ކުރިއެރުން ހޯދަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ފަގީރުކަން ނައްތާލުމާއި ދެމެހެއްޓެނިވި ތަރައްގީ އަށް ލިބޭނެ އެހީތެރިކަމެއް ކަމަށެވެ. އަދި 2030 ގެ އެޖެންޑާގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެއްވެސް ކުއްޖަކު ބާކީ ނުވާ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު، ތައުލީމީ ގާބިލްކަން އިތުރުކޮށް، ފެންވަރު ރަނގަޅު ތައުލީމް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސްގެ މެސެޖުގައި އަލިއަޅުވާލައްވާފައިވެ އެވެ.

"ސާކް ސަރަހައްދުގެ ޤައުމުތަކަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމްގެ ނުރައްކަލާއި ޤުދުރަތީ ކާރިސާތައް ފަދަ ދުނިޔޭގެ ކަންކޮޅުތަކަށް އަންނަ ނުރައްކާތަކާ ކުރިމަތިލާން ނުޖެހޭ ސަރަހައްދެއް ނޫންކަން ހާމަކުރައްވަމުން، މިފަދަ ކަންކަމުން ލިބޭ ގެއްލުންތައް ކުޑަކޮށް ސަލާމަތްވެ ތިބުމަށްޓަކައި އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްބައިވަންތަކަމުގައި ދެމިތިބުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ފާހަގަ ކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސާކްގެ ގައުމުތަކުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ އެވެ. އަދި މި ސަރަހައްދުގެ އިޖުތިމާއީ، އިގްތިސޯދީ ކުރިއެރުމާއި ސަލާމަތާއި ހަމަޖެހުން ގާއިމް ކުރުމަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.