މީރާ މެދުވެރިކޮށް ދައުލަތަށް 910 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 910 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.


މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހުގައި ލިބުނު 910 މިލިއަން ރުފިޔާގެ ތެރެއިން 561 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވަނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 34.4 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ މަހު މީރާ މެދުވެރިކޮށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 7.5 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާ އިން ބުންޏެވެ. ލަފާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު އިތުރު ވުމުންނެވެ. މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 64 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ.

މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވިޔަސް، މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 10 ޕަސެންޓްގެ ދަށް ވުމެކެވެ. އޭގެ ސަބަބެއްގެ ގޮތުގައި މީރާއިން ބުނީ ޓޫރިޒަމް ބޭނުމަށް ތަންތަން ކުއްޔަށް ދޫކުރާއިރު ނަގާ ލޭންޑް އިކުއިޒިޝަން ކޮސްޓާއި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދީފައި ހުރި ތަންތަނުން ދައްކަން ޖެހޭ ލޭންޑް ރެންޓާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އަދަދު މިއަހަރު މަދުވުމެވެ.