ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށްފައި ހުއްޓާ ސަލާމަތްކޮށް އެ މައްސަލާގައި ބަންގްލާދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ރިޕޯޓު ކުރި އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނާތީ މިވަގުތު ތަފްސީލު ދެވެން ނެތް ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރިސޯޓެއްގެ އިސް މުވައްޒަފެއް ކަމަށްވާ މުހައްމަދު އަޒީޒެވެ.
އަޒީޒު "މިހާރު" އަށް ކިޔައިދިން ގޮތުގައި މި މައްސަލަ އޭނާގެ ސަމާލުކަމަށް ގެނައީ، އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ޒުވާނެކެވެ. ރަހީނު ކުރީ އެ ޒުވާނާގެ ބައްޕަ އެވެ.
"އޭނާ އަޅުގަނޑު ކައިރިއަށް އައިސް ރޮވިފައި ހުރެގެން ބުނީ ބަޔަކު ބައްޕަ ނަގައިގަނެގެން ގެންގޮސްފައިވާ ވާކަމާއި އޭގެ ފަހުން ހަބަރެއް ނުވާކަމަށް. (ހޯމަ ދުވަހުގެ) މެންދުރުން ފަށައިގެން އޭނާ ވެސް މަސައްކަތް ކުރީ އެ މީހުންނާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނި،" އަޒީޒް ބުންޏެވެ.
އެ މީހާގެ އަތުން ނަމްބަރު ހޯދައިގެން، އޭނާއަށް އެހީވުމުގެ ގޮތުން އަޒީޒް ދެން ގުޅީ ރަހީނުކުރި މީހުންނަށެވެ. އެކަމަކު ރަހީނުކޮށްފައި އިން ހާރޫން ކިޔާ މީހާ ދޫކޮށްލާފައިވާ ކަމަށް އެ މީހުން ބުނި ކަމަށްވެ އެވެ.
އެކަމަކު ހާރޫނުގެ ފޯނު ވެސް ނިވާލާފައި އޮތުމުން އޭނާ ދެން އެދުނީ ފުލުހުންގެ އެހީތެރިކަމަށެވެ.
އަޒީޒް ބުނިގޮތުގައި މައްސަލަ ރިޕޯޓުކުރުމުން ފުލުހުން އެންމެ ފުރަތަމަ ވަނީ އެކަމާ ގުޅޭ އިތުރު ތަފްސީލު ލިބިިގެން ނޫނީ މައްސަލަ ނުބެލޭނެ ކަމަށް ބުނެފަ އެވެ.
ފުލުހުންގެ މާބޮޑު އެހީތެރިކަމެއް ނުލިބުމުން އަޒީޒްގެ އަމިއްލަ މަސައްކަތުން ވަނީ، ރަހީނުކުރި މީހުންގެ މައުލޫމާތާއި ހާރޫން ބަންދުކޮށްފައިވާ ތަނުގެ މައުލޫމާތު ހޯދައިފަ އެވެ. އަދި އެކަން ފުލުހުންނަށް އެންގުމުން، އެތަނަށް ފުލުހުން ދިޔަ ކަމަށާއި އެކަމަކު އޭރު އެ މީހުން އެހެން ތަނަކަށް ބަދަލު ވެއްޖެ ކަމަށް އޭނާ ބުންޏެވެ.
"ކިޑްނެޕް ކުރި މީހުންގެ ނަންބަރު ރަޖިސްޓްރީކޮށްފައިވާ މީހާގެ މައުލޫމާތު ދިރާގަށް ގުޅައިގެން ހޯދައިގެން، އޭނާ އުޅޭ ތަނެއް ހޯދުނީ. އޭނާ އުޅެނީ މާލޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން. ހާރޫނު ރަހީނުކޮށްގެން ގެންގުޅުނީ ވެސް އެތަނުގައި،" އަޒީޒް ބުންޏެވެ.
އޭނާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ، ހޯމަ ދުވަހުގެ ރެ އެވެ. ހެނދުނު ރަހީނު ކުރި ހާރޫނުގެ މައްސަލައަށް އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމެއް ނުލިބުނު ނަމަވެސް ފަހުން، ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އަޒީޒް ބުންޏެވެ. އެކަމަކު ފުލުހުންނަށް އެ މީހުން ހޯދުނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި ތިއްބާ ފުލުހުން ވަނީ ހާރޫނު ސަލާމަތްކޮށް، އެކަމުގައި ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
އަޒީޒް ބުނީ މީގެ ހަތް އަހަރު ކުރިން ހާރޫން ރާއްޖެ އައީ، ރަހީނުކުރި ބަންގްލަދޭޝް މީހާގެ އަތުން ލޯނުގެ ގޮތުގައި ފައިސާ ނަގައިގެންނެވެ. އަދި އެ ދެމީހުންގެ މެދުގައި އަނގަބަހުން އެއްބަސްވެފައި އޮތީ، ބަންގްލަދޭޝްގައި އޮންނަ ހާރޫނު ގޯތީގެ ބައެއް ވިއްކާލައިގެން ލިބޭ ފައިސާ އޭނާއަށް ދިނުމަށެވެ. އަދި އެކަން ކުރުމަށް އޭނާ ބަންގްލަދޭޝްއަށް ދިޔުމަށް ތައްޔާރުވަނިކޮށް، ހާރޫނު ރަހީނުކުރީ ގޯތި އަނެއް މީހާގެ މައްޗަށް ރަޖިސްޓްރީކުރުމަށް އެދި އެކަން ނުކުރުމުންނެވެ.
"ހާރޫންގެ ހަބަރެއް ނުވެ ދިޔަ ރޭ އަޅުގަނޑުމެން އުޅުނީ އެއްވެސް ވަރަކަށް ނުނިދާ އޭނާ ހޯދުމުގެ މަސައްކަތުގައި. އަޅުގަނޑަށް އެވަގުތު އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް މުހިއްމެއް ނުވި. ހިތަށް އެރީ އޭނާ މަރާލަފާނޭ އެހެންވެ، އޭނާ ހޯދުމަކީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެކޭ،" އަޒީޒް ބުންޏެވެ.
ފުލުހުން ހާރޫނު ސަލާމަތް ކުރުމުން، އަޒީޒް ވަނީ ހާރޫނު އުޅޭނެ ތަނެއް ދައްކައި ހިމާޔަތް ދީފަ އެވެ. އެކަމަކު އެ މައްސަލަ ފުލުސް އޮފީހުން ނެގުމަށް އެދި އެކި ނަމްބަރުތަކުން ހާރޫނުގެ ދެބަފައިންނަށް ގުޅައި ބިރު ދައްކަމުން ދާ ކަމަށް އޭނާ ބުންޏެވެ.