ލިމްކޮކްވިންގް ޔުނިވަސިޓީގެ އެންމެ ޝަރަފްވެރި އެވޯޑް ދިވެހި ދަރިވަރަކު ހޯދައިފި

މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަސިޓީގެ އެންމެ ޝަރަފްވެރި އެވޯޑުކަމަށްވާ ޗާންސެލާސް އެވޯޑު ދިވެހި ދަރިވަރަކު މިއަދު ހޯދައިފި އެވެ.


އެ ޔުނިވަސިޓީގެ މާސްޓާ އޮފް ސައިންސް އިން ކޮމްޕިއުޓާ ނެޓްވޯކިން ކޯހުގައި ކިޔަވައިދިން ހުރިހާ މޮޑިއުލަކުން އޭ ފާސް ހޯދައިގެން، ޗާންސެލާސް އެވޯޑް ހޯދީ ގއ. މާމެންދޫ ސައީދާ މަންޒިލް ޝިމްހާޒް އަލީ އެވެ. އޭނާ އަކީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކޮއްކޮއެކެވެ.

ޝިމްހާޒް ވަނީ އޭނާ ކިޔެވި 13 މޮޑިއުލުން އޭ ފާސް ހޯދައި، ޔުނިވަސިޓީގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ވެސް ހޯދައިފަ އެވެ. އޭނާއާ އެކު އެ ކޯހުގައި 27 ދަރިވަރުން ކިޔެވި ނަމަވެސް ހުރިހާ މޮޑިއުލަކުން ފާސްވެ، ގްރެޖުއޭޓްވީ 15 ކުދިންނެވެ.

ފުލުހުންގެ ވަޒީފާގައި އުޅޭ ޝިމްހާޒް ޕޭލީވްގެ ދަށުން މެލޭޝިޔާއަށް ކިޔަވަން ދިޔައީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން އޭނާ މަތީ ތައުލީމް ހާސިލްކުރީ ސައިރިކްސް ކޮލެޖުންނެވެ.

ޝިމްހާޒް އާއި އޭނާގެ އަންހެނުން: އޭނާ ވަނީ ކިޔެވި ހުރިހާ މޮޑިއުލަކުން އޭ ފާސް ހޯދާފައި

ޝިމްހާޒް ބުނީ އެފަދަ ނަތީޖާއެއް ހޯދަން އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ޓެސްޓުތަކަށް ފަރުވާތެރިވެ، ދޭ ފިލާވަޅުތައް ވަގުތަށް ނިންމުމަށް އިސްކަން ދިން ކަމަށެވެ. އަދި އެކި ގައުމުތަކުގެ ގިނަ ދަރިވަރުންނާ ހިމެނޭ ކޯހެއްގައި މިހާ ޝަރަފްވެރި އެވޯޑެއް ހާސިލް ކުރެވުމުން ފަހުރުވެރިވާކަމަށް ވެސް އޭނާ ބުންޏެވެ.

"ފުލުހުންގެ ފަރާތުން އަޅުގަނޑަށް ދިން މި ފުރުސަތަށް އަޅުގަނޑު ޝުކުރުވެރިވަން. އަދި އާއިލާއިން ދިން އެއްބާރުލުން ވެސް ފާހަގަކޮށްލަން،" ޝިމްހާޒް ބުންޏެވެ.

އޭނާ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރީ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓް (އެސްއޯ)ގަ އެވެ. އެކަމަކު މިހާރު ޝިމްހާޒް އުއްމީދުކޮށްގެން ހުރީ އޭނާ މަތީ ތައުލީމް ހާސިލްކުރި ކޮމްޕިއުޓާ ނެޓްވޯކިންގެ ދާއިރާއިން މަސައްކަތް ކުރުމުގެ ފުރުސަތަކަށެވެ.