އިސްލާމީ މަރުކަޒުގައި ޖެހި މާބްލްތަކުގައި ރެނދުލައިފި!

އިސްލާމީ މަރުކަޒު ވަށައިގެން ޖަހާފައިވާ ބައެއް މާބްލްތަކުގައި ވަރަށް ބޮޑަށް ރެނދުލައިފި އެވެ.


އެތަނުގައި މާބްލް ޖެހުމަށް ފަހު ބޭނުންކުރަން ކުރަން ފެށީ ރޯދަ މަހުގެ ތެރޭގަ އެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބައެއް މާބްލްތަކުގައި ވަރަށް ބޮޑަށް ރެނދުލައި ވަނީ ދެފަޅިވެފަ އެވެ.

އިސްލާމީ މަރުކަޒު ބޭރުގައި ޖަހަން މާބްލް ހަދިޔާކުރީ ޗައިނާއިންނެވެ. ގާތްގަނޑަކަށް 1.14 މިލިޔަން ޑޮލަރުގެ މަޝްރޫއަށް ސަރުކާރުން ހޭދަކުރ ތިން މިލިޔަން ރުފިޔާ އެވެ.

އިސްލާމީ މަރުކަޒުގައި ޖަހާފައިވާ މާބްލްތަކުގައި ރެނދުލައިފައިވާ ތަންތަން އާންމުން ބަލަނީ -- ފޮޓޯ: މުހަންމަދު ޝަރުުހާން/ މިހާރު

އެތަނުގައި ރެނދުލީ، ޗައިނާ އިން ހަދިޔާކުރި ފެންވަރު ދަށް މާބްލް ޖެހުމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ. އެކަމަކު އެތަނުގައި ރެނދުލާން ދިމާވި ސަބަބެއް، އިސްލާމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ބަހެއް ނުލިބޭތީ ސާފެއް ނުވި އެވެ.

މާބްލް ޖެހި ސަރަހައްދުގައި ކުޑަތަކެއް ޖަހައި ހިޔާކުރަން ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ފަށަން ހަމަޖައްސާފައި ވަނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެ އެވެ.