އާއިލީ މައްސަލަތަކަށް ފޯނު މެދުވެރިކޮށް ހިލޭ ގާނޫނީ ލަފާދޭން ފަށައިފި

އާއިލާއާ ބެހޭ ގާނޫނާއި ގެވެށި އަނިޔާގެ މައްސަލަތަކާ ބެހޭ ގާނޫނީ ލަފާ، ފޯނު މެދުވެރިކޮށް ހިލޭ ދޭން ފެމެލީ ލީގަލް ކުލިނިކުން ފަށައިފި އެވެ.


ފެމެލީ ލީގަލް ކުލިނިކްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެއިން ފެށިގެން ފޯނު މެދުވެރިކޮށް ގާނޫނީ ލަފާ ދެމުން އަންނަނީ ވަރި، ކައިވެނީގެ މައްސަލަތަކާއި ގެވެށި އަނިޔާގެ އިތުރުން ހަރަދު ދިނުމާއި ހަޟާނާތުގެ މައްސަލަތަކުގައި ކަމަށެވެ.

މީގެ ކުރިން އެ ކްލިނިކުން ލަފާ ދެމުން އައީ އެތަނަށް ޒިޔާރަތްކޮށް، އެހީއަށް އެދޭ މީހުންނަށެވެ.

"އަޅުގަނޑުމެން ފޯން މެދުވެރިކޮށް މި ހިދުމަތް ދޭން މިފެށީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިލޭ ގާނޫނީ ލަފާ ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 3:00 އަށް، 9977771 އަށް ގުޅުމުން، މައްސަލަތަކާ ބެހޭ ގޮތުން ގާނޫނީ ލަފާ ދޭނެ ކަމަށެވެ.

ރާއްޖޭގެ ވަކީލުންތަކެއް ގުޅިގެން ހިންގާ ޖަމިއްލާ އިން އާއިލީ މައްސަލަތަކަށް ގާނޫނީ ލަފާ ހިލޭ ދޭން ފެށީ 2014 ގަ އެވެ. އެހީއަށް އެދޭ ފަރާތްތަކަށް ގާނޫނީ ވަކީލަކާ ބައްދަލުކޮށް މައްސަލަތަކަށް ހައްލު ހޯދަން އެތަނުން ފުރުސަތު ދެ އެވެ.