ބްރިޖްގެ މަސައްކަތަށް މޫސުމީ ގޮންޖެހުންތައް ކުރިމަތިވެއްޖެ

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖްގެ ބިޔަ ތަނބުތައް ޖަހަމުން އަންނައިރު، މި ދުވަސްވަރު ކަނޑުގެ ބާނިތައް ބޮޑުވުމާއި އޮއި ގަދަވުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.


ބްރިޖްގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ބްރިޖްގެ އެންމެ އުނދަގޫ ބަޔަކީ ފުން ކަނޑަށް ހޮޅި ޖެހުން ކަމަށެވެ. މިއީ އާންމުކޮށް ކަނޑު ގަދަ ފުނޯސް ނަކަތުގެ ދުވަސްވަރަށް ވާތީ އެ ސަރަހައްދުގައި ވެސް ވަނީ އަަހަރުގެ އެހެން ދުވަސްތަކަށް ވުރެ ބާނިތައް ބޮޑުވެފަ އެވެ. އަދި ކުރިއަށް އޮތް ފުސް ނަކަތުގައި ވެސް ކަނޑު ގަދަވެ، ބާނި ބޮޑުވާނެތީ ބްރިޖްގެ މަސައްކަތަށް އެ ހުރަސް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.

"ބައެއް ފަހަރަށް 6-7 ނޮޓްސްގައި އޮއި އުޅޭ ކަމަށް ވަނީ. އެހެންވީމަ ހޮޅިއެއް އަޑިއަށް ދާއިރު ވަރަށް އުނދަގޫވާނެ. މިދިޔަ ހަފުތާ ތެރޭގައި ވެސް އެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވި،" އޮފިޝަލް ވިދާޅުވި އެވެ.

"މިއީ އަހަރު ދުވަހުގެ ތެރޭގައި ބާނިތައް އެންމެ ބޮޑުވާ ނަކަތްތައް."

މެޓް އޮފީހުން ބުނިގޮތުގައި ޖޫން، ޖުލައި އަދި އޮގަސްޓް މަހަކީ ހުޅަނގު މޫސުމުގެ ބާރު އެންމެ ގަދަވާނެ ދުވަސްވަރެވެ.

ބްރިޖްގެ މަސައްކަތަށް ބޭނުންކުރަ ޕްލެޓް ފޯމް އަޅާފައި: ބްރިޖް އަޅާ ނިމުމުން މި ޕްލެޓްްފޯމް ނަގާނެ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ބްރިޖް އަޅަނީ އޮއި ގަދަ އަދި ބާނި ވެސް ބޮޑު ސަރަހައްދެއްގަ އެވެ. އެހެންކަމުން މިއީ މަސައްކަތް ކުރަމުން އަންނަަ ޗައިނާގެ ސީސީސީސީ ކުންފުންޏަށް ވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.

ބްރިޖްގެ ބޮޑެތި ބުޑުތައް އަޅަން ކަނޑު އަޑި އަށް ބިޔަ ހޮޅިތައް ޖަހަނީ ޖަރުމަނުގެ ތަޖުރިބާކާރުންނެވެ. އެކަމަށްޓަކައި ޖަރުމަނުން ހާއްސަ މެޝިންތަކެއް ވެސް ވަނީ ގެނެސްފަ އެވެ.

ބްރިޖް އަޅާ ސަރަހައްދު: މި ނަކަތުގެ ގޮތުން އެ ހިސާބުގައި ބާނި ބޮޑުވެ އޮއި ވެސް ވަނީ ގަދަވެފައި

ކަނޑު އަޑީގައި ހޮޅިތައް ޖަހަން ފެށުމުގެ ކުރިން ކަނޑުގެ އޮއިވަރު ހުރި މިންވަރާއި ބާނިތަކުގެ އުސްމިން ފަދަ ގިނަ މައުލޫމާތުތަކެއް އެއްކުރެ އެވެ. ކަނޑަށް ޖަހާ ހޮޅީގެ ވަށަމިނުގައި 10 ފޫޓު ހުރެ އެވެ. މިހާތަނަށް ހަތަރު ހޮޅި ވަނީ ޖަހާ ނިންމާފަ އެވެ.

ބްރިޖްގެ މަސައްކަތަށް ބޭނުންވާ ދިގު ޕްލެޓްފޯމް މާލޭގެ އިރުދެކުނު ކަންމަތިން ފަށައިގެން ގެންގޮސް މިހާރު ވަނީ ކަނޑު މެދުގައި ގާއިމްކުރި ޕްލެޓްފޯމްތަކާ ގުޅާލައިފަ އެވެ. އަދި ހުޅުލޭ ކޮޅުން ހަދާ ބައިގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މި ފާލަން އަޅަނީ ބްރިޖްގެ ދެކުނު ފަރާތަށް ވާ ގޮތަށެވެ. ބްރިޖްގެ މަސައްކަތްތަކަށް ބޭނުންވާ ގިނަ އެއްޗެހިތަކެއް އުފުލާނީ މި ފާލަން މަތީގަ އެވެ.

"ބްރިޖް ނިމުނީމަ، ޕްލެޓްފޯމް ނަގާނެ، އެއީ ވެސް ބޮޑު މަސައްކަތެއް،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ. އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.