މާލޭގައި ކުނި އުކައިދޭނެ މީހުން ކ. އަތޮޅުން ހޯދަނީ

މާލޭގައި ކުނި އުކައިދޭނެ މީހުން ކ. އަތޮޅުގެ ރަށްރަށުން ހޯދުމުގެ މަސައްކަތް ވެމްކޯއިން ފަށައިފި އެވެ.


ވެމްކޯއިން ބުނީ މާލޭގައި ކުނި އުކައިދޭނެ މީހުން ހޯދަން މި މަހުގެ 25 އިން ކ. އަތޮޅުގެ ހަތް ރަށެއްގައި އިންޓަވިއުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ ގުރައިދު އާއި މާފުއްޓާއި ހިންމަފުއްޓާއި ގުޅި އާއި ތުލުސްދު އާއި ދިއްފުށީގެ އިތުރުން ހުރަ އެވެ.

މި ވަޒީފާތަކަށް ހޮވޭ މީހުންނަށް ގުޅީފަޅުގައި ހުރުމާއި ކެއުން ހަމަޖައްސާއިރު މުސާރައިގެ ގޮތުގައި މަހަކު 7،000 ރުފިޔާ ދޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

އެ ކުންފުނިން އިއުލާނުކޮށްފައިވާ ގޮތުން 25 ވަނަ ދުވަހު އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ގުރައިދޫގަ އާއި މާފުށީގަ އެވެ. އަދި 26 ވަނަ ދުވަހު ގުޅި އާއި ހިންމަފުށީގައި ކުރިއަށް ގެންދާއިރު 27 ވަނަ ދުވަހު އިންޓަވިއު ބާއްވާނީ ތުލުސްދު އާއި ހުރަ އާއި ދިއްފުށީގަ އެވެ.

ވެމްކޯއިން ބުނީ އެ ކުންފުނިން ދެމުން އަންނަ ކުނި އުކުމުގެ ހިދުމަތުގައި އުޅޭ 80 ޕަސެންޓް މީހުންނަކީ ދިވެހިން ކަމަށާއި ކ. އަތޮޅުގައި އިންޓަވިއުތައް ބާއްވަން ނިންމީ ވެސް އިތުރު ބަޔަކަށް ފުރުސަތު ދޭން ވެގެން ކަމަށެވެ.

ވެމްކޯއިން މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް އަންނަނީ ކުނި އުކުމުގެ ހިދުމަތް ދެމުންނެވެ. އަދި ދާދި ފަހުން ވެސް ވަނީ އެ މަސައްކަތަށް މީހުން ހޯދަން އިއުލާނުކޮށްފަ އެވެ.