ގުދުސްއާ ބެހޭ ގޮތުން ރައީސް ޔާމީންގެ ސިޔާސަތަށް "ސާބަސް": ޕީޕީއެމް

ފަލަސްތީނުގެ ގުދުސްގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ސިޔާސަތަށް "ހަމަ ސާބަސް" ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުލާންކުރުމުން އދ. ގެ އާއްމު މަޖިލީހަށް މިދިޔަ ހޮނިހިރު ދުވަހު ތުރުކީ އާއި ޔަމަން ގުޅިގެން ހުށަހެޅި ގަރާރު ރާއްޖެ އިން ވަނީ ކޯސްޕޮންސާކޮށްފަ އެވެ. އަދި އެ ގަރާރާ އެއްކޮޅަށް ވޯޓު ދޭ ގައުމުތަކަށް އެމެރިކާ އިން ކުރިން އިންޒާރު ދިން ނަމަވެސް ރާއްޖެ އިން ވެސް ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވޯޓު ލައިފަ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ގުދުސްއާ ގުޅޭ ގޮތުން ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެއީ މިދިއަ 60 ވަރަކަށް އަހަރު ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާއިން ސަލާމަތްކުރަން، ދިވެހި އުންމަތް ގުޅިގެން ކުރަމުން އަންނަ މަސައްކަތެއްކަން ވެސް ފާހަގަކުރެއްވި އެވެ.

"ގުދުސްއާ ގުޅޭ ގޮތުން ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތަށް ހަމަ ސާބަސް ދެން،" ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް ވިދާޅުވި އެވެ.

"އޭގެ ސަބަބުން އިސްލާމީ ދުނިޔޭގައި ދިވެހިންގެ މަގުބޫލުކަން ވަނީ އިތުރުވެފައި."

މުސްތަގުބަލުގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ވަކާލާތު ކުރާނެ ކަމަށް، ސަރުކާރު ހިންގާ ޕާޓީން ބުންޏެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ގަބޫލުކޮށް އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން އެމެރިކާ އިން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމައިފަ އެވެ.

އެ ވޯޓުގެ ކުރިން އދ. ގައި ވާހަކަދައްކަވަމުން ރާއްޖޭގެ ސަފީރު ޑރ. އަލީ ނަސީރު ވަނީ ގުދުސްއާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމޭނީ އެކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން ގުދުސްގެ މައްޗަށް ވެރިވެގަންނަން އުޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ވެސް ހިލާފު ކަމެއް އޭނާ ވިދާޅުވި އެވެ.