ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް 12 ހެކްޓަރު ހިއްކައިފި

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅާ ސަރަހައްދުން 12 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.


ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ އެއާޕޯޓް އަޅާ ސަރަހައްދުގެ މޫދުން ހަ ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ކުޅިންވެސް ހަ ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީގެ އާ ކޮންނަބޯޓު، މަހާޖައްރާފު ބޭނުންކޮށްގެން، އެއާޕޯޓު އެޅުމަށްޓަކައި މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރާ އެކު ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މިދިޔަ މަހު 12 ވަނަ ދުވަހު އެ މަސައްކަތް ފަށާފައިވާ އިރު، އެމްޓިސީސީން ކުރިން ބުނީ މަސް ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކުޅި ހިއްކުމުގެ ޕުރޮޖެކްޓްގެ އިތުރު ތަފްސީލް ހޯދުމަށް އެމްޓީސީސީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ.

ބިން ހިއްކައި ނިމުމާއެކު، ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ އެވެ.

ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ވަރަކަށް ހެކްޓަރުގެ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެ ކަން ހުއްޓާލަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. އަދި އެ މައްސަލަ މިހާރު ވެސް އޮތީ ކޯޓުގަ އެވެ.