ލޯނު ނަގަނީ އަޅުގަނޑު ގަނޑުވަރެއްގައި ދިރިއުޅޭކަށް ނޫން: ރައީސް

މި ސަރުކާރުން ލޯނު ނަގަނީ އެ މަނިކުފާނު ރީތި ގަނޑުވަރެއްގައި ދިރިއުޅުއްވަން ނޫން ކަމަށާއި ރައްޔިތުންގެ ހާލަތު ރަނގަޅު ކުރަން ކަމަށް ރައީސް އަބްދުﷲ ޔާމީން ޅ. ހިންނަވަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.


އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެން އެ ރަށުގެ ބޯފެނުގެ ނިޒާމް އިފްތިތާހް ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުން ލޯނު ނަގަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން ކަމަށެވެ. އެއީ، އެ މަނިކުފާނު ދިރިއުޅުއްވާނެ ރީތިގަނޑުވަރެއް ބިނާކުރައްވަން ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަބަދުވެސް ސަރުކާރުން ހަދާ ބޮޑު ގޯހަކީ މިއީ [ދަރަންޏަށް ފައިސާ ނެގުން]. ދަރަންޏަށް ފައިސާ ނަގަނީ ރައީސް ދިރިއުޅޭނެ ގަނޑުވަރެއް ބިނާކުރާކަށެއް ނޫނޭ. ރައީސް ދިރިއުޅެނީ ގަނޑުވަރަކު ނޫނޭ. ލޯނު ނަގަނީ ލައްޒަތާއި އަރާމުގައި އަޅުގަނޑުގެ ވަޒީރުން އުޅުއްވާކަށެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވަޒީރުން ގެންގުޅުއްވަނީ އެތައް އަހަރެއްވެފައިވާ ބާ ކާރުކޮޅުތަކެކެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި އާ ކުރެވުނީ ވެސް ވަރަށް ފަހުން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދޭން ބޭނުންވާ ނަމަ ލޯނު ނަގަން ޖެހޭ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުން އަންނަ އަހަރު ހިދުމަތް ދޭ އިރު، އެއީ ލޯނު ނަގައިގެން ހެދި ތަނެއްތޯ އެ ތަނަށް ދައްކާ ބަލި މީހުން ސުވާލު ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ލޯނު ނަގައިގެން ނަމަވެސް، އެޑްމިޓްކޮށްގެން ފަރުވާދޭ ބަލި މީހާ އަށް ބޭނުންވާނެ ސިއްހީ ވަސީލަތްތައް ގާއިމްވެފައި ހުރުމުން ނިމުނީ ކަމަށް ރައީސް ވިދާޅުވި އެވެ. ލޯނު ނެގުމުގެ ފައިދާއަކީ، ރައްޔިތުން ބޭނުންވާފަދަ ސިއްހީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވިގެން ދިއުން ކަމަށް ވިދާޅުވި އެވެ.