އުމްރާ އަށް ގެންދިއުމުގެ އުސޫލުގެ މައްސަލައެއް އޭސީސީ އަށް

އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވައިލި އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް އުސޫލެއް ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.


އެ މައްސަލަ އޭސީސީ އާއި ރައީސް އޮފީހުގެ ސަމާލު ކަމަށް ގެނައީ އުމްރާ އަށް މީހުން ގެންދާ ކުންފުންޏަކުންނެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއް ކަން އަދި ސާފެއް ނުވެ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް އެ ކުންފުނިން ފޮނުވި ސިޓީގައި، އެ އުސޫލުގައި ހުރި ބައެއް މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައި އޮތީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑެއް އެ އުސޫލުގައި ނެތުމެވެ. އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއަކާއި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި މަހަކު 2،000ރ. ކޮންމެ ކުންފުންޏަކުން ދައްކަން ޖެހޭ ގޮތަށް އެ އުސޫލުގައި އޮތް މައްސަލަ ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. ބޭންކް ގެރެންޓީއާ މެދު އަމަލު ކުރާނެ ގޮތެއް އުމްރާ އުސޫލުގައި ބަޔާން ކޮށްފައި ނެތް އިރު ފޮރިން އިންވެސްޓްމަންޓް ފަދަ ބޮޑެތި ވިޔަފާރިތައް ކުރާއިރު ވެސް، ބޭންކް ގެރެންޓީގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ބަހައްޓަން ނުޖެހޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން އުމްރާ ދަތުރުގެ އަގު ބޮޑުކުރަން މެދުވެރިވުމާއި އާންމުންނަށް މި ޚިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިވުމާއި، އާންމުންނަށް އުމްރާގެ ޚިދުމަތް ދިނުން އަމިއްލަ ކުންފުނިތަކަށް އިންތިހާ އަށް ބޮޑުވާނެ ކަމެކެވެ،" އެ ސިޓީގައިވެ އެވެ.

ހުއްދަ ލިބޭ ކުންފުނިތަކަށް ލިބޭ ކޯޓާގެ އަދަދު އެ އުސޫލުގައި ނެތަސް، އިސްލާމިކް މިނިސްޓްރީން ދޫކުރާ ޕްރޮޕޯޒަލް ފޮތުގައި މީހުން އުމްރާ އަށް ގެންދަން ހުއްދަ ދޭނީ ވަކި ކޯޓާއެއްގެ ދަށުން ކަމަށް ބަޔާން ކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އެހެންވެ، ކޯޓާ ލިބޭ މިންވަރުގެ ނިސްބަތުން ބޭންކް ގެރެންޓީ ކުޑަވާން ޖެހޭ ކަމަށާއި އެކަމަކު އެ ފަދަ ވާހަކައެއް ވެސް އުސޫލުގައި ނެތް ކަމަށް އެ ސިޓީގައިވެ އެވެ.

އުމްރާ އަށް ގެންދާ މީހުންގެ ޒާތީ މައުލޫމާތު މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ގޮތަށް އެ އުސޫލުގައި ލާޒިމް ކޮށްފައިވާ ކަމަށާއި އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. ޒާތީ މައުލޫމާތަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށްވާ އިރު ގާނޫނެއް ނެތި، އެފަދަ މައުލޫމާތު ހާމަ ކުރަން މިނިސްޓްރީ އަށް ލާޒިމް ނުކުރެވޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"މީހަކު ދައުވާ ކޮށްފި ނަމަ އެކަމަށް މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ގާނޫނީ ގޮތުން ނެތްކަމާއި، އެކަމަކީ ކުންފުނިތަކުން ޒިންމާ ނަގަންޖެހޭ ކަމެކެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ އުސޫލުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، އެކަން ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އެ އުސޫލުގެ އެއް މާއްދާގައި، ލިޔުންތައް ޕްރޮޕޯޒަލާ އެކު ހުށަނޭޅިޔަސް ޕްރޮޕޯޒަލް ބަލައިގަންނަން ޖެހޭނެ ކަމަށް ބުނެފައި އޮތް އިރު، އެ ލިޔުންތައް ހުށަހެޅުން އެހެން މާއްދާއެއްގައި ލާޒިމް ކޮށްފައި އޮތުމުން ދެކޮޅު ނުޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ.

ކުރިން އަމަލުކުރި އުސޫލު ބާތިލްވެފައި ވިޔަސް، އޭރު ދޫކޮށްފައި ހުރި ހުއްދަތައް ތިން މަސް ވަންދެން ދެމި އޮންނާނެ ކަމަށް އުސޫލުގައި އޮތުމުން އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. އަދި މި އުސޫލުގެ ދަށުން ކުރަންޖެހޭ ރަޖިސްޓްރީއަކީ ކުރީގެ އުސޫލުގެ ދަށުން ކުރާ ރަޖިސްޓްރީއެއް ކަން ނުވަތަ މި އުސޫލުގެ ދަށުން ކުރާ ރަޖިސްޓްރީއެއް ކަން އެ އުސޫލުން ސާފުނުވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެ އުސޫލާ ޚިލާފްވެއްޖެ ނަމަ އިސްލާމިކް މިނިސްޓްރީން އެކަން ތަހުގީގު ކުރާނެ ކަމަށް އެ އުސޫލުގައި އޮތުމުން އެ މައްސަލަ ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. ޖިނާއީ ކުށް ތަހުގީގު ކުރުމުގެ އެއްވެސް ބާރެއް އިސްލާމިކް މިނިސްޓްރީ އަށް ނެތް އިރު އެ އުސޫލުގެ ދަށުން ކުރަނީ ކޮން ބާވަތެއްގެ ތަހުގީގެއް ކަން ވެސް އެ އުސޫލުގެ ދަށުން ސާފުނުވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ސިޓީގައި އެދިފައިވަނީ އެ އުސޫލުގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ފަހު ނޫނީ އެއަށް އަމަލު ނުކުރަން އިސްލާމިކް މިނިސްޓްރީއަށް އަމުރުކޮށް ދިނުމަށެވެ.