ދީނާ ގުޅޭގޮތުން ޝަހިންދާ ކުރި ޓުވީޓެއްގެ މައްސަލަ ބަލަނީ

އިސްލާމް ދީނާ ޚިލާފުވާގޮތަށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލް ޓުވީޓެއް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދީނާ ޚިލާފު ވާހަކައެއް ދެއްކި މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝަހިންދާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، "މި ދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ. ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތަ،" އެވެ.

ޝަހިންދާ ކުރެއްވި ޓުވީޓް.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ޝަހިންދާ އެ ޓުވީޓު ކުރެއްވީ، އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކުން ނޫހެއްގައި ލިއެފައިވާ ހަބަރެއް ޝެއާކުރުމަށްފަހު އެވެ.