އެއް ކެންޑިޑޭޓު ކަނޑައެޅުމުގެ މަޝްވަރާތައް "ސިއްރު"؟!

ސިޔާސީ މަސްރަހުގެ ޝައުގުވެރިކަން މިހާރު ހުއްޓިފައި ވަނީ، އިދިކޮޅު ޕާޓީތަކުން ނިންމާނެ ނިންމުމަކަށެވެ. އެއީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓަކުތޯ ނުވަތަ އިންތިހާބުގައި ޕާޓީތަކުން ވާދަކުރާނީ ވަކިވަކިންތޯ އަދިވެސް ކަނޑައެޅިފައި ނުވާތީ އެވެ. އެކަމަށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ. އެހެންވެ، ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ، އެ މަޝްވަރާތައް ކުރިއަށް ގެންދާނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަމަށެވެ.


އެކަމަކު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ މަޝްވަރާ އަށް މަންދޫބުން ނެގިކަން އާއްމުކުރީ ވެސް، އެކަން މީޑިއާތަކަށް އެނގި ސުވާލު ކުރުމުންނެވެ. އެއާއެކު، އެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވައި ކޮމެޓީގެ ޗެއާމަނަކާއި ވައިސް ޗެއާމަނެއް ކަނޑައެޅިކަން ވެސް ރިޕޯޓްކުރީ މީޑިއާތަކަށް އެނގިގެންނެވެ.

އެ ބައްދަލުވުމުގައި ޗެއާމަނަކަށް ކަނޑައެޅީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ވައިސް ޗެއާމަނަކަށް ހަމަޖެއްސީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒެވެ.

އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ޕްރެސް ކޮންފަރެންސްތައް ބާއްވައި މައުލޫމާތުތައް މީގެ ކުރިން ހާމަކޮށްފައިވީ ނަމަވެސް އެއް ކެންޑިޑޭޓާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ "ސިއްރުން"ނެވެ. ޕާޓީތަކުން އެ ކަމުގައި މިހާތަނަށް ޖަވާބު ދީފައި ވަނީ، މީޑީއާތަކުން ސުވާލު ކުރުމުން އެކަންޏެވެ.

އެއް ކެންޑިޑޭޓާ ގުޅޭ މަޝްވަރާތައް ސިއްރުން ބާއްވަނީ ކީއްވެތޯ ސުވާލު ކުރުމުން ކޮމެޓގެ ވައިސް ޗެއާމަން ރިޔާޒް ވިދާޅުވީ އެ މަޝްވަރާތައް ރަސްމީކޮށް އަދި ނުފެށޭ ކަމަށެވެ. މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި އެއީ ޗެއާމަނާއި ވައިސް ޗެއާމަން ކަނޑައެޅުމުގެ އިތުރުން އުސޫލްތައް އެކުލަވާލަން ބޭއްވި ބައްދަލުވުމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓަކު ކަނޑައެޅުމާއި އިންތިހާބުގައި ޕާޓީތައް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމެޓީގެ މަޝްވަރާތައް ބާއްވަން ނިންމާފައި ވަނީ ސިއްރަކުން ނޫނެވެ. ބައްދަލުވުންތަކަށް ފަހު، އާއްމު އުސޫލުން މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފޮރުވިފައި އޮތް އެޖެންޑާއެއް ނެތް. ބައްދަލުވުންތައް ކުރިއަށް ދާ މިންވަރަކުން މައުލޫމާތު ހާމަކުރާނެ. މި ދުވަސްކޮޅަކީ ބަންދު ދުވަސްކޮޅަކަށް ވާތީއާ އެކު އަދި އަޅުގަނޑުމެން އެންމެ ބައްދަލުވުމެއް ބޭއްވީ. މަޝްވަރާތައް ކުރިއަށްދާ ވަރަކުން ޕާޓީތަކުން އެ މައުލޫމާތުތައް އާއްމުކުރާނެ،" ރިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ނެރެން އެ ޕާޓީން ބޭނުންވާ އިރު، ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރޭށެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު މި ދެ ބޭފުޅުންނަށް ވެސް ވަނީ ބަންދުވެފަ އެވެ.

އެކަމަކު ވެސް މި ދެ ބޭފުޅުންނަށް ވާދަކުރެއްވޭނެ ކަމަށް ދެ ޕާޓީން ވެސް އަންނަނީ ބުނަމުންނެވެ. އިދިކޮޅު ޕާޓީތަކުން ކެންޑިޑޭޓަކު ކަނޑައެޅުން ޝައުގުވެރި ވަނީ، މި ސަބަބުތައް މިހެން ހުރީމަ އެވެ.