އަޒުހަރުން ރާއްޖެ އަށް ޓީޗަރުން ފޮނުވަން އަލުން ނިންމައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އަރަބިއްޔާ ސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުން ފޮނުވުމަށް މިސްރުގެ އަޒްހަރު ޔުނިވަސިޓީން ނިންމައި، ރާއްޖެ އަންނަ ޓީޗަރުންނަށް އެކަން އަންގައިފި އެވެ.


ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދިނުމަށް މީގެ 31 އަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒްހަރުން ޓީޗަރުން ފޮނުވަ އެވެ. އަދި މި އަހަރު ޓީޗަރުން ފޮނުވަން އަޒްހަރުން އަލުން މި ނިންމީ، ދިމާވި މައްސަލައަކާ ގުޅިގެން ރާއްޖެ އަށް ދެން އިތުރަށް އަޒުހަރުން ޓީޗަރުން ނުފޮނުވުމަށް އެ ޔުނިވަސިޓީން މިދިޔަ އަހަރު ނިންމުމަށް ފަހު އެ ނިންމެވުން ޝައިޚުލް އަޒްހަރު ބަދަލު ކުރެއްވުމުންނެވެ.

މިދިޔަ އަހަރު ކިޔަވައިދިނުމަށް ފަހު އެނބުރި މިސްރަށް ދިޔުމުން، އަޒްހަރުން އެ ޓީޗަރުންނާ ބައްދަލުކުރުމަށް ފަހު، ދެން އިތުރަށް ދިވެހިރާއްޖެ އަށް ޓީޗަރުން ނުފޮނުވަން އަޒްހަރުން ނިންމި ކަން އެންގި އެވެ. އެއީ، އެ ޓީޗަރުން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ކިޔެވުން ފެށުނު ފަހުން ރާއްޖެ އައި ޓީޗަރުންތަކެއް ރާއްޖެ އެތެރެވިޔަ ނުދީ 12 ވަރަކަށް ގަޑިއިރު އެއާޕޯޓްގައި ބައިތިއްބާފައި އެނބުރި މިސްރަށް ފޮނުވައިލުމުން، އެކަމާ އަޒްހަރުން ހިތްހަމަ ނުޖެހިގެންނެވެ.

މިސްރުން އައި ޓީޗަރުންނަށް ރާއްޖެ އަށް އެތެރެނުވެވުނީ، އެ މީހުން ޓޫރިސްޓު ވިސާގައި އައުމުންނެވެ. ނަމަވެސް އަރަބިއްޔާގެ އިސް ވެރިއަކު ވިދާޅުވެފައިވަނީ މިސްރުން އަންނަ ޓީޗަރުން އަބަދު ވެސް ރާއްޖެ އަށް އެތެރެވަނީ ޓޫރިސްޓު ވިސާގައި ކަމަށާއި، ވޯކް ވިސާ އަށް ބަދަލު ކުރަނީ އެ އަށް ފަހުގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ކިޔެވުން ފެށުނު ފަހުން އައި އަށެއްކަ ޓީޗަރުން ރާއްޖެ އަށް ވޯކް ވިސާގައި އައުމުން، އެ މީހުން އެތެރެވިޔަ ނުދީ ފޮނުވައިލީ، އެ އުސޫލު ބަދަލުވެފައި އޮވެގެން ކަމަށް އަރަބިއްޔާގެ އިސް ވެރިއަކު ވިދާޅުވި އެވެ.

އަރަބިއްޔާގެ ދަރިވަރުންތަކެއް ސްކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން --ފޮޓޯ: ސޯޝަލް މީޑިއާ

"މިހާރު"އާ ވާހަކަ ދައްކަމުން، އަރަބިއްޔާގައި މިދިޔަ އަހަރު ކިޔަވައިދިން އަޒުހަރުގެ ޓީޗަރަކު ބުނީ އެ މައްސަލައިގައި ހިތްހަމަނުޖެހިގެން، މި އަހަރު ރާއްޖެ އަށް ޓީޗަރުން ނުފޮނުވާނެ ކަމަށް އަޒްހަަރުން އެ މީހުންނަށް އެންގި ކަމަށެވެ. އަދި ރާއްޖޭގެ ބަދަލުގައި އެހެން ގައުމަކަށް ދެވިދާނެކަން އެންގި ކަމަށް އެ ޓީޗަރު ބުންޏެވެ.

"އަޒުހަރުން އެ ގޮތަށް އެންގުމުން، އަރަބިއްޔާ އަށް ގުޅައި މި އަހަރުން ފެށިގެން ދެން ޓީޗަރުން ނުފޮނުވާނެ ކަމަށް ވެސް އަޅުގަނޑުމެން އެންގިން. އަދި އަހަރު ނިމުމުގެ ކުރިން އެ މައްސަލައިގައި ދިވެހި ސަރުކާރުން އަޒްހަރާ ވާހަކަ ދައްކައިގެން ހައްލު ނުކޮށްފި ނަމަ 2018 ވަނަ އަހަރު އަރަބިއްޔާ އަށް ޓީޗަރުން ނުދާނެ ކަމަށް ވެސް އަރަބިއްޔާގައި ދެންނެވިން،" އަރަބިއްޔާގައި މިދިޔަ އަހަރު ކިޔަވައިދިން އެ ޓީޗަރު ބުންޏެވެ.

މިކަމާ އަރަބިއްޔާގެ މެނޭޖްމެންޓާއި ބެލެނިވެރިން ޝަކުވާ ކުރުމުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަލާފަ އެވެ. އަދި މައްސަލަ ހައްލުކުރުމަށް، އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި އަރަބިއްޔާގެ އޭރުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތޮފާ މިދިޔަ އަހަރު އަޒުހަރަށް ޒިޔާރަތްކުރެއްވި އެވެ.

ޑރ. ނަޒީރު ވިދާޅުވީ އަޒުހަރުގެ ޓީޗަރުންނާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އެ ސްކޫލަށް ޓީޗަރުން ގެންނަނީ އަޒުހަރުން ކަމަށެވެ.

"އެއީ ހަމަ ދޮގު ވާހަކަތަކެއް. އަޅުގަނޑުމެން އަމިއްލަ އަށް މިސްރަށް ގޮސްގެން، ހަމަ އަޒުހަރުގެ ޓީޗަރުން މި އަހަރު ވެސް މި ގެންނަނީ،" ނަޒީރު ވިދާޅުވި އެވެ.