ފުލުހުން ހުރަސް އެޅުމުން އެމްޑީޕީގެ އަހަރީ ހިނގާލުން އެއްވުމަކަށް

އިދިކޮޅު އެމްޑީޕީން މިރޭ ބާއްވަން އުޅުނު ހިނގާލުން ފެށުމާ އެކު ފުލުހުން ހުރަސް އަޅައި ހުއްޓުވުމުން އެއްވުމެއްގެ ގޮތުގައި އެ ހަރަކާތް ކުރި އަށް ގެންގޮސް ނިންމާލައިފި އެވެ.


އާއްމު ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހިނގާލުން ރާވާފައި އޮތީ އާޓިފިޝަލް ބީޗް ކުރިމަތިން ފަށައިގެން މަޖީދީމަގުން ހުޅަނގަށް ދާށެވެ. އަދި މަޖީދީމަގާއި ޗާނދަނީމަގު ގުޅޭ ކަންމަތީގައި މަޑު ކުރުމަށް ފަހު، އަނެއްކާ ވެސް ހިނގާފައި ގޮސް ކުރީގެ ނަލަހިޔާ ހޮޓާ ކަންމަތީގައި މަޑު ކުރާ ގޮތަށެވެ. އެއަށް ފަހު އޯކިޑު މަގަށް އަޅައިގެން ގޮސް، ސަލްސާ ރޯޔަލް ރެސްޓޯރަންޓު ކަންމަތީގައި މަޑު ކުރުމަށް ފަހު، ބޮޑުތަކުރުފާނު މަގަށް އަޅައިގެން ގޮސް ހަރުގެ ކުރިމައްޗަށް ނިންމާ ގޮތަށެވެ.

އެކަމަކު، 9:00 ގައި އެއްވުން ފަށަން ތައްޔާރުވެ، އެމްޑީޕީ ހަރުގެ ދޮރު މައްޗަށް މީހުން އެއްވާން ފެށުމާ އެކު ފުލުހުން އައިސް އެ ސަރަހައްދު ބަންދު ކުރި އެވެ. އާޓިފިޝަލް ބީޗް ސްޓޭޖާ ދިމާލުން ޕޭމަންޓު މައްޗަށް މީހުން ފަހަތަށް ޖައްސަން ފުލުހުން މަސައްކަތް ކުރި އެވެ. އެ ވަގުތު އެ ތަނުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ދިޔައީ ޕާޓީގެ ދިދަ ވިހުރަމުން، ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

އެމްޑީޕީން މިރޭ ބޭއްވި ހިނގާލުން ފަށަން އުޅުނިއިރު ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

ވަކި ހިސާބަކުން ފުލުހުން އެ ސަރަހައްދުން ގޮސް، ހިނގާލުން ފަށަން ޖާގަ ދިނެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި ޕާޓީގެ ބައެއް ވެރިން ކުރީ ސަފުގައި ތިއްބަވައިގެން ހިނގަމުން ގޮސް ކުރިން އުރީދޫ ފިހާރަ ހިންގި ތަނާ ހިސާބަށް ދިޔުމާ އެކު، ފުލުހުން އެ ސަރަހައްދުގައި ބެރިކޭޑު ޖަހައި ބަންދު ކުރި އެވެ. އެއާ އެކު، ހިނގާލުމުގެ ބައިވެރިން އަނެއްކާ ވެސް ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވަން ފެށި އެވެ.

އެ ވަގުތު، ފުލުހުންގެ ސަފު ހުރަސް ކުރައްވައި އެއްވުމުގެ ބައިވެރިންނާ ގުޅިވަޑައިގަތުމަށް، މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަސައްކަތް ކުރެއްވުމުން ފުލުހުން އޭނާ އަށް ހުރަސް އެޅި އެވެ. ކުރިން އޫރީދޫ ފިހާރަ ހިންގި އިމާރާތުގެ ސިޑި މައްޗަށް އޭނާ އަރާވަޑައިގަތުމާ އެކު އަންހެން ފުލުހަކު ގޮސް ރޮޒައިނާގެ އަތުގައި ހިފައި ބާލަން އުޅުނެވެ. އެކަމާ ރޮޒައިނާ ދެކޮޅު ހައްދަވައި ގަދަ ހައްދަވަން ފެއްޓެވުމާ އެކު ފުލުހުން އޭނާ އަމިއްލަ އަށް މަގަށް ފައިބަން ފުރުސަތު ދިނެވެ.

އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގެ ބައިވެރިވެވަޑައިގަތުމަށް މެމްބަރު ރޮޒައިނާ އުޅުއްވުމުން ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

އެއްވުމުގެ ވަކި ހިސާބަކުން، އުރީދޫގެ ކުރީގެ ފިހާރަ ކަންމަތީގައި ޖެހި ބެރިކޭޑުތައް ފުލުހުން ނެގި އެވެ. ބެރިކޭޑުތަކުގެ ފަހަތުގައި ޝީލްޑާ އެކު ތިބި ފުލުހުން ވެސް އެ މަގާމު ދޫކޮށް، ބޭވޮޗު ކެފޭ ކުރިމައްޗަށް ޖެހުނެވެ. އޭރު ކުރީ ސަފުގައި ތިބި ބައެއް މީހުން ތިބީ ދެ ފައި ވަށްކޮށް، އިށީނދެގެންނެވެ. ފުލުހުން ހަދާ ގޮތެއް ބަލަން އިރުކޮޅަކު މަޑުކުރުމަށް ފަހު އެ މީހުން ތެދުވެ، ކުރި އަށް ހިނގައިގަތުމުން ހެންވޭރު ދަނޑު ކަންމަތިން މަޖީދީ މަގުގައި ފުލުހުން ބެރިކޭޑު ޖަހައި ބައްދައިލި އެވެ. އެ ތަނުގައި ތިބެގެން ވެސް އެއްވުމުގެ ބައިވެރިން ސަރުކާރަށް، ވަކިން ހާއްސަކޮށް ސީދާ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ.

އެމްޑީޕީން މިރޭ ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

ހަމަ އޭރު، އެއްވުމުގެ ފަހަތުކޮޅުން، އާޓިފިޝަލް ބީޗް ސްޓޭޖާ ދިމާލުން މަގުމަތީގައި ތިއްބަވައިގެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ސަޕޯޓަރުންނާ މުހާތަބު ކުރެއްވި އެވެ. އެ ހުރިހާ ބޭފުޅުން ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެ ބޭފުޅުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވުމާއި އެ މަނިކުފާނުގެ ސަރުކާރުން އެތައް ބޭފުޅުންނެއް ވަކިވެވަޑައިގެންފައިވުމާއި ވެރިކަން ކުރާ ޕާޓީ ތެރޭގައި ވެސް މައްސަލަ އުފެދިފައިވުން ހިމެނެ އެވެ.

"... މަނިކުފާނު ތިކުރައްވަނީ ވެރިކަމެއް ނޫން. މަނިކުފާނަކަށް ވެރިކަމެއް ނުކުރެއްވޭ،" މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި މެމްބަރު އިމްތިޔާޒް ވާހަކަ ދައްކަވަނީ: ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

މީގެ އިތުރުން، ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ވެސް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވި އެވެ. އެ ގޮތުން، އެއްވެ އުޅުމުގެ މިނިވަންކަން އެއްގޮތަކަށް ވެސް ނެތްއިރު، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ނެތެމުންދާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"... ފުލުހުންނަށް ކުރަނީ ޣައިރު ގާނޫނީ އަމުރު. ސިޔާސީ ހަރަކާތް ހުއްޓުވޭނެ ގޮތެއް ނެތް،" މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި މެމްބަރު އިމްތިޔާޒް ވާހަކަ ދައްކަވަނީ: ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

އެއްވެސް ހަމަނުޖެހުމެއް ހިނގުމެއް ނެތި ކުރި އަށް ދިޔަ އެމްޑީޕީގެ އެއްވުން 11:20 ހާއިރު ނިންމާލީ އެ ޕާޓީގެ ހަރަކާތްތަކުގައި އާއްމުކޮށް ހިމެނޭ ބޮނޑިބަތް ކެއުމުންނެވެ. ފުލުހުން މަނާ ކޮށްފައި ވަނިކޮށް އެމްޑީޕީން ބޭއްވި މި ހިނގާލުމުގައި، އެ ޕާޓީން މި ފަހުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވި ވަރަށް ވުރެ ތަންކޮޅެއް މީހުން ގިނަ އެވެ. އެކަމަކު، މުޒާހަރާ ނިންމާލި އިރު އެ ސަރަހައްދުގައި ތިބީ މަދު ބައެކެވެ.

އެއްވެ އުޅުމަކީ ގާނޫނުއަސާސީ އަދި އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގަކަށް ވިޔަސް ފުލުހުން ފަހަކަށް އައިސް އެ ފުރުސަތެއް ނުދެ އެވެ. މީގެ އިތުރުން، ޕާޓީތަކުގެ ޖަލްސާ ބާއްވަން އެއްވެސް ތަނެއް ދޫ ނުކުރާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.