ޑެންގީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ޑެންގީ ހުން ފެތުރުމުގެ ފުރުސަތު މިދުވަސްރު އޮތުމާ އެކު، އެ ހުމުން ރައްކާތެރިވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އާންމުން ވެސް އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.


އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ދުރާލައި ފިޔަވަޅުތައް އެޅުމަށާއި މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ޑެންގީ އިތުރުވަމުންދާ މިންވަރު މޮނީޓަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަލި ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރުމުގެ ލަފަ އާއި އިރުޝާދު ފޯރުކޮށްދީ މަދިރި އާލާވާ ތަންތަން ނައްތާލަން ކުރިއަށް ގެންދާ ކެމްޕޭން އެކިއެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުންޏެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.