ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ވެއްޖެ

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުންގެ ތެރެއިން އެކެއްގެ ހާލު މިރޭ ސީރިއަސް ވެގެން ފަރުވާ ދޭން ފަށައިފި އެވެ.


މި އެކްސިޑެންޓުގައި އަނިޔާވީ ފ. ދަރަނބޫދޫ ފީރޯޒްވާދީ، މުހައްމަދު ސުލެއިމާނާއި އެ ރަށު ބަނަފްސާގޭ ހިޝާމް ހާރޫނަށެވެ. ހިޝާމްގެ ހާލު އޭރު ސީރިއަސް ނޫންވީމާ އޭނާއަށް ފަރުވާ ދެމުން އައީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އޭރު ހޮސްޕިޓަލުން ބުނީ އޭނާގެ ބޯ ފަޅައިގެން ދިޔުމުން ފަރުވާ ދެމުން އަންނަ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. ހޮސްޕިޓަލުގައި ފަހުން އޭނާއަށް ފަރުވާ ދިނީ ވެސް ވޯޑުގައި ބާއްވައިގެންނެވެ.

އެކަމަކު އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ލޯ މިރޭ ރަތްވެ، މާބޮޑަށް ދުޅަވާން ފެށުމުން އިމަޖެންސީގައި އޭޑީކޭއަށް ވަނީ ގެންގޮސްފަ އެވެ. އަދި ޑޮކްޓަރުން އޭނާ ބެލުމަށް ފަހު ބުނީ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

"ސިކުނޑިއަށް ލޭ އެޅެމުންދާތީ އޮޕަރޭޝަން ކުރަން މިހާރު ވަނީ ވައްދާފައި. ހާލު މިވަގުތު ސީރިއަސް،" އޭޑީކޭގައި ހުރި ހިޝާމްގެ އާއިލާގެ މީހަކު ބުންޏެވެ.

ހުޅުމާލޭގެ މަގެއްގެ ބަމްޕަރު މަތިން ދުއްވާފައި ދިޔަ ސައިކަލް ގޮސް ގަހެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އެންމެ ފުރަތަމަ ބޮޑު އަނިޔާއެއް ލިބިގެން ފަރުވާ ދިނީ އުމުރުން 22 އަހަރުގެ މުހައްމަދަށެވެ. އެކްސިޑެންޓުވިއިރު، ސައިކަލް ދުއްވަން އިން މުހައްމަދުގެ ކަނާތު ލޮލަށް ވަރަށް ބޮޑަށް ލޭ އެރުމުގެ ސަބަބުން ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

"މިހާރު"އާ ވާހަކަ ދެއްކި މުހައްމަދުގެ ބޭބެއަކު ބުނީ އޭނާގެ ދެލޮލުގެ ދުޅަ މިހާރު ތިރިވެފައިވާއިރު ހާލު ގޯސް ނޫން ކަމަށެވެ. އަދި ކޮނޑުގެ ކަށިގަނޑެއް ބިންދައިގެން ދިޔުން ފިޔަވައި އިތުރު ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.