ވަކީލު ހަސީންގެ ސަސްޕެންޝަން އުވާލައިފި

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ހަސީންގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.


މިދިޔަ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އެކި ފަހަރު މަތިން 42 ވަކީލެއްގެ ސަސްޕެންޝަން ކުރިން ވަނީ އުވާލައިފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ހަސީންގެ ސަސްޕެންޝަން އުވާލީ އޭނާގެ މައްސަލަ ބެލުމަށްފަހު ކަމަށެވެ. ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ.