ރައީސް ޔާމީންގެ ކެމްޕޭނަށް ފަސްޓް ލޭޑީ ރަށްތަކަށް

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ރަށްތަކަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.


"އެންމެ ގާތުން" ކެމްޕޭންގައި، އެންމެ އިސް ބޭފުޅެއްގެ ގޮތުން މި ހަފުތާގައި އެ ކަމަނާ ވަޑައިގަތީ އއ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު، އެ ކަމަނާ މިއަދު ހެނދުނު ހދ. އަތޮޅަށް ވަޑައިގެން ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވަމުން އެބަ ގެންދަވަ އެވެ.

މި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް އެކަމަނާއާ އެކު ބައިވެރިވެވަޑައިގަންނަވަ އެވެ.

އއ. މާޅޮހަށް ކުރެއްވި ދަތުރުފުޅުގައި ފަސްޓް ލޭޑީއާ އެކު މީހަކު ސެލްޕީއެއް ނަގަނީ. --ފޮޓޯ/ޕީޕީއެމް ސޯޝަލްމީޑިއާ

ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ވާހަކަ ދެއްކެވި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވީ މިއަދު ފެއްޓެވި ދަތުރުފުޅުގައި، ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ އިތުރުން ނޮޅިވަރަންފަރަށް ވަޑައިގަންނަވާނެ ކަމަށެވެ. މިއީ، ރައްޔިތުންނާ ވީހާ ވެސް ގާތުން ބައްދަލުކޮށް، ހާލު އޮޅުންފިއްލެވުމަށް އެކަމަނާ ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަންކަން އެންމެ ގާތުން އޮޅުންފިއްލެވުމަކީ އެކަމަނާ އަބަދުވެސް ކުރައްވަމުން ގެންދަވާ ކަމެއް. މިހާރު ކުރައްވާ ދަތުރުފުޅަކީ ވެސް ރައްޔިތުންގެ ހާލު ބެއްލެވުން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ނިކުންނަވާނީ ރައީސް ޔާމީން ކަން ފާހަގަ ކުރައްވަމުން މުއާޒް ވިދާޅުވި ގޮތުގައި، ފަސްޓް ލޭޑީ އޮފީހުން އެ ކެމްޕޭން ފެއްޓެވިތާ ގިނަ ދުވަސްތަކެއް ވެދާނެ އެވެ. ކުރިން ވެސް އަމާޒު ހިފާފައިވާ ގޮތަށް އެ ކެމްޕޭން ނިންމާލާނީ، ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފައި ކަމަށް ވިދާޅުވި އެވެ.

އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް ޕާޓީގެ ކައުންސިލުން ރަސްމީކޮށް އެ ގޮތަށް އަދި ނުނިންމަ އެވެ.