އދ. ގެ މަންދޫބު ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ

ސިޔާސީ މަސްރަހު ފިނި ކުރުމަށް ކުރިއަށްދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.


ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ "މިހާރު"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ތަމްރަތު ސެމިއުލް ރާއްޖެ ދޫކޮށް ވަޑައިގެންނެވިޔަސް އެބޭފުޅާގެ ބައިވެރިވުމާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

"މެއިލްގެ ޒަރިއްޔާ އިންނާއި އެކި ގޮތްގޮތުން ވާހަކަތަކުގައި ބައިވެރިވާނެ،" ޝައިނީ ވިދާޅުވި އެވެ.

އދ.ގެ މަންދޫބާއެކު އިދިކޮޅު ފަރާތްތަކުން ބައްދަލުކޮށްފައިވާކަން މީޑިއާއިން ހާމަވެފައިވާ ކަމަށާއި އެހެންވީމަ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިނުވެއޭ ވިދާޅުވެވެން ނެތް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނެފައި އޮތީ ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާތައް ކުރިއަށް ދާނީ އދ. އިން ކަނޑައެޅި މަންދޫބާ އެކު ކަމަށެވެ.

ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތުން ބައިވެރިވާނީ، 13 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމުން އެ ދެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ.

ޝައިނީ ވިދާޅުވީ މަޝްވަރާތައް އަލުން ފަށާއިރު ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވާނެ ކަމަށާއި މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށްދާނީ ހަމައެކަނި ސިޔާސީ ޕާޓީތަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު އިއްތިހާދުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންވާކަން ހާމަކޮށްފަ އެވެ.