ސަރުކާރުގެ އިދާރާތަކުން ވެސް ދުންފަތުގެ ގާނޫނަށް އަމަލުކުރަން އަންގައިފި

ސަރުކާރުގެ ތަނެއް އާންމު ހިދުމަތަށް ކުއްޔަށް ދޫކުރާއިރު ވެސް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ފެތެން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސަރުކާރުގެ އިދާރާތަކަށް އަންގައިފި އެވެ.


އެޗުޕީއޭ އިން އެގޮތަށް މި އެންގީ ހާބަރު ސަރަހައްދުގައި އަލަށް ތަރައްގީކުރާ 26 ކެފޭ ކުއްޔަށް ދޫކުރަން އެސްޓީއޯ ފުރުސަތު ހުޅުވާލިއިރު އޭގެ ތެރެއިން 12 ކެފޭއެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ކަނޑައެޅުމުންނެވެ. ނަމަވެސް އެއީ އޯޕަން އެއާ ކެފޭތަކެއް ކަމުން އެގޮތަށް އެތަން ބާއްވައިގެން ދުންފަތުގެ އިސްތިއުމާލްކުރެވޭ ގޮތަށް ނުހެދޭނެ ކަމަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނެ އެވެ.

އެ ގާނޫނުގައިވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު މިއަދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން އެކި ކަންކަމަށް ތަންތަން ދޫކުރާއިރު ދުންފަތުގެ ގާނޫނާ ހިލާފަށް އަމަލު ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެގޮތަށް އަމަލު ނުކުރަން އަންގަމުން އަންނަ ކަމަށެވެ.

"ހައުސިން މިނިސްޓްރީ ފަދަ [ކުއްޔަށް] ތަންތަން ދޫކުރާ ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް އަންގަމުން މިގެންދަނީ އެގަވައިދަށް އަމަލު ކުރަން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާބަރު ސަރަހައްދުގެ ކެފޭތައް ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ކުއްޔަށް ދޫކުރަން ނިންމި ނިންމުން ބާތިލްކުރަން އެސްޓީއޯއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކުރިން ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ނެގުމަށް ފަހު ޒަމާނީ ފެންވަރަށް އެ ސަރަހައްދު އެސްޓީއޯ އިން ތަރައްގީކުރަމުން އަންނަނީ އޯޕަން އެއާ ކެފޭތައް ހިމަނައިގެންނެވެ. މިހާރު ކުއްޔަށް ދޫކުރާ 26 ކެފޭއަކީ އެ މަސައްކަތުގެ ފުރަތަމަ ބަ އެވެ. އިތުރު ކެފޭތައް ހެދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.