ވިލާ ހައި ސްކޫލުން 290 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެއްޖެ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން 290 އަށް ވުރެ ގިނަ ދަރިވަރުން ރޭ ގްރެޖުއޭޓް ވެއްޖެ އެވެ.


ހިރިޔާ ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، މި މަހު އޭ ލެވެލް ނިންމި 296 ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ، އެ ސްކޫލުގެ އިސްބޭފުޅުންނެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ އޭ ލެވެލް ނިންމުމަށްފަހު މަތީ ތައުލީމް ހާސިލްކުރާއިރު، ދުނިޔޭގައި ނަންހުރި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އިހުތިޔާރު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވިލާ ހައި ސްކޫލުން ދަސްވެނިވި ހަފުލާގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ސްކޫލު ތައުލީމް ނިމުމުން، ދަރިވަރުން މަގުު ފުރެއްދުމަށް ބައެއް މީހުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެފަދަަ ކަންތައްތަކަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ، ދަރިވަރުން ދީނީ ކަންތައްތަކަށް ފަރުވާ ބެހެއްޓުމަށް އިލްތިމާސްކުރައްވައިފަ އެވެ. ކާމިޔާބު މީހަކަށް ވުމުގެ އެންމެ ބޮޑު އެހީތެރިއަކީ އެއީކަން އަންވަރު ފާހަގަކުރެއްވި އެވެ.

ވިލާ ހައި ސްކޫލުން ދަސްވެނިވި ދަރިވަރަަކަށް، އެ ސްކޫލުގެ އިސްބެޭފުޅަކު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިިދިޔަ އަހަރު އޭ ލެވެލް އަށް ކިޔަވައިދޭ މާލޭގެ ހުރިހާ ސްކޫލެއްގައިހެން އެ އިމްތިހާނު ބާއްވާފައި ވަނީ އޮކްޓޯބަރު ނޮވެމްބަރުގަ އެވެ. ނަމަވެސް އމްތިހާނަށް ތައްޔާރުވާން ދަރިވަރުންނަށް ގިނަ ވަގުތު ދިނުމަށް، ވިލާގައި އޭ ލެވެލް އިމްތިހާނު ބޭއްވީ މި މަހު އެވެ.

ވިލާ ހައި ސްކޫލުން ދަސްވެނިވި ދަރިވަރަަކަށް، އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ނަޝީދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ރަސްމިއްޔާތަށްފަހު "މިހާރު"އާ ވާހަކަދައްކަވަމުން ވިލާ ހައި ސްކޫލުގެ ޕްރިންްސިޕަލް ސައީދު އަހުމަދު ވިދާޅުވީ، ސްކޫލުތައް ބަންދުވި ނަމަވެސް އޭ ލެވެލް އަށް ދަރިވަރުން ތައްޔާރު ކޮށްދިނުމުގައި ޓީޗަރުން ވަރަށް ބުރަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރާއްޖޭން ބޭރުގައި ތިބި ޓީޗަރުންނާ ވެސް، އޮންލައިން ކޮށް ވާހަކަދައްކައި ފިލާވަޅުތައް ކިޔައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

"ޓީޗަރުން މާލޭން ބޭރުގައި ތިއްބަސް، ދަރިވަރުންނަށް ފުރިހަމަ އެހީތެރިކަން ލިބުނު. އެެހެން އަހަރުތަކޭ އެއްގޮތަށް، މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ދަރިވަރުން ހޯދާނެ،" ސައީދު ވިދާޅުވި އެވެ.