އުގައިލްގެ ފަހުގެ ޕްރޮޖެކްޓް: މޫނުން މީހާގެ އަސަރު ދެނެގަތުން

ވާހަކަ ދައްކާއިރު މީހުންގެ މޫނުމަތިން ފެންނަ އަސަރުތައް ދެނެގަނެވޭނެ ފަދަ ސޮފްޓްވެއާއެއް ރާއްޖޭގެ ޕްރޮފެސަރު ހަސަން އުގައިލް އީޖާދު ކުރައްވައިފި އެވެ.


މީހާގެ މޫނުމަތީގައިވާ އަސަރުތަކާއި އިހުސާސްތައް، އޮޓަމެޓިކުން ދެނެގަނެވޭނެ މި ސޮފްޓްވެއާ އީޖާދުކޮށް، އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި މިހާރު އަންނަނީ އަޖުމަ ބެލުމަށް ބޭނުން ކުރަމުންނެވެ. މި ސޮފްޓްވެއާ ބޮޑަށް ހާއްސަ ކޮށްފައިވަނީ އިންޓަވިއުއެއްގައި ނުވަތަ ޕޯޑިއަމެއްގައި ހުއްޓި ހުރެ މީހަކު ވާހަކަ ދައްކާ އިރު، މޫނުގެ ކުލަވަރަށް ބަލައި އޭނާގެ އަސަރުތަކާއި އޭނާގެ މިޒާޖާއި އެ ވާހަކަތަކާ ހުރި ގުޅުމެވެ.

"މިއީ އޭނާ ދޮގު ހަދާވަރު ބެލުމަށް ހަދާ ސޮފްޓްވެއާއެއް ނޫން. އެކަމަކު މިސާލަކަށް ސިޔާސީ މީހަކު ދައްކާ ވާހަކައިގެ ޕޮޒިޓިވް އަދި ނެގެޓިވްކަން މިއިން އެނގޭނެ. އަދި އޭނާގެ އިހުސާސްތައް ދެނެގަނެވޭނެ. މިސާލަކަށް މިނިޓެއްގެ ތެރޭގައި އެސްފިޔަ ޖަހާ މިންވަރު ބަލައި އޭނާ ހުރީ ކިހާ ވަރުބަލި ވެފައިކަން އޮޓޮމެޓިކުން އެނގޭނެ. ހިނިތުންވާ ވަރާއި އޭނާގެ ޕޮޒިޓިވްކަން އެނގޭނެ،" ބްރެޑްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގައި އުގައިލް އާއި އޭނާގެ ޓީމުން މީގެ ކުރިން ވަނީ ދޮގު ހަދާ މީހުން ދެނެގަތުމަށް ސޮފްޓްވެއާއެއް ހަދައިފަ އެވެ. އަދި އެ ޓީމުން ހެދި، ކުށުގެ ތުހުމަތުކުރެވޭ މީހުން ދެނެގަނެވޭ ބާރުގަަދަ ސިސްޓަމް، އެ ގައުމުގެ ފުލުހުން އަންނަނީ ބޭނުން ކުރަމުންނެވެ.

އުގައިލް ވިދާޅުވި ގޮތުގައި އެންމެ ފަހުގެ މި އީޖާދަކީ ދޮގުހަދާ މީހުން ދެނަގަތުމަށް ތައްޔާރު ކުރި ސޮފްޓްވެއާގެ އިތުރު ބައެކެވެ. އެކަމަކު މި ސޮފްޓްވެއާ ބޮޑަށް ހާއްސަކޮށްފައިވަނީ އާއްމުންނަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހަކާ ވާހަކަ ދައްކާއިރު، ހާއްސަކޮށް މީހަކާ އިންޓަވިއު ކުރާ އިރު އެ މީހާ އަޅައިގެން ހުންނަ ހެދުމާއި އޭނާ ހުންނަ ގޮތުން އެ މީހަކާ މެދު ވަކި ގޮތެއް ނިންމަ އެވެ. އެކަމަކު މި ސޮފްޓްވެއާގެ ޒަރީއާ އިން މީހަކާ މެދު އަމިއްލަ އަށް ގޮތެއް ނިންމުމުގެ ބަދަލުގައި، އެ މީހާގެ މޫނު މަތީގެ އަސަރުތައް ދަނެގެން، މެޝިނަކުން އެއީ ކޮން ކަހަލަ މީހެއް ކަމާއި އޭނާގެ އިހުސާސްތަކުގެ ތެދުކަން ބުނެދެ އެވެ.

"އޭރުން ނޯންނާނެ މީހަކާ މެދު ބަޔަސްވުމެއް. މެޝިނެއް ނުބަލާނެ ވާހަކަ ދައްކާ މީހާ އާއި އޭނާ އޮތީ ކޮން ގުޅުމެއްތޯ. އެ ދައްކާ ވާހަކަތަކުގެ އަސަރު މެޝިނުގެ ޒަރީއާ އިން އެނގޭނެ،" ޕްރޮފެސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުފެއްދުން އެޕްލިކޭޝަނެއްގެ ގޮތުގައި ބާޒާރަށް ނުނެރޭނެ ކަމަށާއި އެކަމަކު ބޭނުންވާ ބަޔަކަށް އެ ސޮފްޓްވެއާ ތައްޔާރުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ވެސް ގިނަ ވީޑިއޯތައް ބަލައިގެން، ސޮފްޓްވެއާ އިތުރަށް ފުރިހަމަ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.