ޔާމީންގެ މަރުގެ ތަހުގީގަށް ހުށަހެޅި އެހީތެރިކަން ދިވެހި ސަރުކާރުން ބަލައެއް ނުގަތް: އުގައިލް

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް އެހީތެރިވުމަށް ހުށަހެޅުއްވި ކަމަށާއި އެކަމަކު އެކަން ސަރުކާރުން ގަބޫލު ނުކުރި ކަމަށް ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރި މައްސަލައިގައި މިނިވަން ފޮރެންސިކް ތަހުލީލަކަށް ދައުލަތުން ދެކޮޅު ހެދި ކަމަށް "މިހާރު" ގައި ލިޔުނު ޚަބަރު ޓްވީޓް ކުރައްވައި އުގައިލް ވިދާޅުވީ، ޔާމީން މަރާލި ތަން ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖްތައް، މިނިވަން ކަމާއެކު އެނަލައިޒް ކުރުމަށް އެހީތެރިވެ ދިނުމަށް އޭނާ ހުށަހެޅުއްވި ކަމަށެވެ. އެއީ އިނގިރޭސި ވިލާތުގެ ފޮރެންސިކް ތަޖުރިބާކާރުންގެ އެހީގައި ހިލޭ ހުށަހެޅުއްވި އެހީތެރި ކަމެއް ނަމަވެސް، އެކަމަށް ދިވެހި ސަރުކާރުން ޝައުގުވެރި ކަމެއް ނުދިން ކަމަށް އުގައިލް ވިދާޅުވި އެވެ.

ޔާމީން ރަޝީދު

މަޝްހޫރު ބްލޮގާ ޔާމީން މަރާލީ ދީނީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވާއިރު، އެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރެ އެވެ. އެއީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ އިތުރުން ގދ. ގައްދޫ ސިންދުބާންގޭ މުހައްމަދު އިފްރާން އާއި މ. ކުދެހި ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހުމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދު އަދި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދެވެ.

އެ މީހުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި މިދިޔަ މަހު ބޭއްވި އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، އިބްތިދާއީ މަރުހަލާގެ އަޑުއެހުންތައް، ސިއްރުކޮށްގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

ޔާމީން މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅުނު ގޭގެ އެންމެ ތިރީ ބުރީގެ ސިޑި ކައިރިންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރައިލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ.

ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހުން ސްޕެޓިއުލާގޭގެ ސިޑިކައިރީގައި.

ރިޝްވަތު ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސްގެ މައްޗަށް ކުރަމުންދާ ދައުވާގައި، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލެއް ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެކަމާ މެދު ގޮތެއް ނިންމަވަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ ފުރުސަތު ދެވެން ނެތީ ރާއްޖޭގައި އެ ފަދަ ތަހުލީލެއް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުންނާއި އެކަމާ ބެހޭ އުސޫލުތަކެއް ވެސް ނެތުމުން ކަމަށެވެ. އަދި އެ ފުރުސަތު ދޭ ނަމަ ޝަރީއަތް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތްކަން ވެސް ގާޒީ އާދަމް އަލީ ފާހަގަ ކުރެއްވި އެވެ.