ގާނޫނީ އިމުގެ ތެރޭގައި ތިބެން އެދި ޕީޕީއެމުން އިލެކްޝަނަށް ރައްދު ދީފި

ގާނޫނީ އިމުގެ ތެރޭގައި، ޒިންމާދާރުކަމާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މަސައްކަތްތައް ކުރިއަށް ގެންދަން ޕީޕީއެމުން މިއަދު އެ ކޮމިޝަނުގައި އެދެފި އެވެ.


ޕީޕީއެމުން އެގޮތަށް މި އެދުނީ، އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރައްވަން އެ ކޮމިޝަނުން އަންގާފައި ވަނިކޮށެވެ. އިލެކްޝަނުން މި ގޮތަށް އެންގީ ޕީޕީއެމްގެ ހިންގުން މައުމޫން ހުއްޓުވާލައްވާފައިވާ ކަމަށް ބުނެ އާއްމު މެމްބަަރަކު ހުށަހެޅި ޝަކުވާ ބެލުމަށް ފަހު އެވެ.

ޕީޕީއެމުން އިލެކްޝަނަށް ފޮނުވި ސިޓީގައި ބުނީ އިލެކްޝަންސްގެ މަސްއޫލިއްޔަތަކީ "ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން ކޮމިޝަނުން ކުރަން ޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން" ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ކަމަށެވެ. ގާނޫނުން ދެން ލިބެނީ އިންތިހާބުތައް ރާވައި ހިންގުމުގެ ބާރު ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައި ކަނޑައަޅާފައި ނުވާ ވާހަކަ ތިޔަ ކޮމިޝަންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ޕީޕީއެމްގެ ސިޓީގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް ހައްލު ނުވެ ޕާޓީގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ މިހާރަކު ނުހިނގަ އެވެ.