އީޔޫގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ އިސް ވަފުދެއް ރޭ ރާއްޖެ އަތުވެއްޖެ އެވެ.


މި ވަފުދުގައި، އީޔޫގެ ސަފީރުގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގެ ސަފީރުން ވެސް ހިމެނިވަޑައިގަންނަވާ ކަން އެނގިފައި ވެ އެވެ.

މި ބޭފުޅުން މިއަދު ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިފަ އެވެ. މި ވަފުދުން ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު، އަމުރު ސަރުކާރުން ތަންފީޒު ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި އެމެރިކާ އާއި ޖަރުމަނާއި އިނގިރޭސި ވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ.

އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ދެން އަމަލުކުރި ގޮތާ މެދު ވެސް ބައެއް ގައުމުތަކުން ހިތްހަމައެއް ނުޖެހެ އެވެ.

އެއީ، ކުއްލި ހާލަތު އިއުލާން ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި އާންމުންގެ ބައެއް ހައްގުތައް ހަނިކުރުމެވެ. އެ ދެބޭފުޅުންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ފުލުހުން ކުރަނީ ރިޝްވަތުގެ ތުހުމަތެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ތިން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބާތިލްކޮށްފަ އެވެ.

މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރުން އީޔޫގެ ބައެއް ގައުމުތަކުން ސިފަކުރަނީ "ޑިމޮކްރަސީ އަށް ދިން ހަމަލާއެއް"ގެ ގޮތުގަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުތަށް ތަބާނުވެ، ފަނޑިޔާރުންތަކެއް ހައްޔަރުކުރި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.