ޖަލްސާ އޮންނާނެ، ހުރަސް އަޅައިގެން ނުވާނެ: އެމްޑީޕީ

އިދިކޮޅު އިއްތިހާދުގެ ޖަލްސާ މިރޭ ބާއްވަން އަލިމަސްކާނިވާ ދޫކުރުމަށް ފަހު، އެންމެ ފަހު ވަގުތު ހުއްދަ ބާތިލްކުރިއަސް ޖަލްސާ ބާއްވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. އެ ޖަލްސާ އަށް ހުރަސް ނޭޅުމަށް އެދި އެމްޑީޕީން ވަނީ ހައުސިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.


ޖަލްސާ ބާއްވަން ދިން ހުއްދަ ބާތިލްކުރީ ހައުސިން މިނިސްޓްރީން ބުނިގޮތުގައި "ޣައިރު ގާނޫނީ ހަރަކާތެއް" ހިންގަން އުޅޭތީ އެވެ. ހައުސިން މިނިސްޓްރީން ބުނީ އިދިކޮޅު އިއްތިހާދު ކިޔާ ބަޔަކު ނުދަންނަ ކަމަށާއި ހުއްދަ ދޫކުރީ އެމްޑީޕީ އަށް ކަމަށެވެ.

ހައުސިންގެ މިނިސްޓްރީގެ ނިންމުމަށް ރައްދު ދީ އެމްޑީޕީން ފޮނުވި ސިޓީގައި ބުނީ އެ މިނިސްޓްރީގެ ހުއްދައާ ހިލާފަށް އެހެން ފަރާތަކަށް އެ ޕާޓީން އަލިމަސްކާނިވާ ދޫކޮށްފައި ނުވާނެ ކަމަށެވެ. ވަކި ޕާޓީއަކުން ހުއްދަ ނެގިއަސް، ދެ ޕާޓީ ގުޅިގެން ޖަލްސާ ބާއްވަން މިނިސްޓްރީން މީގެ ކުރިން ވެސް ހުއްދަ ދޫކޮށްފައިވާ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ޕީޕީއެމުން ބާއްވާ ޖަލްސާތަކުގައި ވެސް ސަރުކާރު ކޯލިޝަން ކަމަށް އިޝްތިހާރުކޮށް އެމްޑީއޭ އާ އެކު ޖަލްސާ ބޭއްވުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން އެދިފައި ވަނީ، އެކި ޕާޓީތައް ގުޅިގެން ޖަލްސާ ބާއްވަން މީގެ ކުރިން ވެސް އަލިމަސްކާނިވާ ދޫކޮށްފައިވާތީ އިއްތިހާދުގެ ޖަލްސާ އަށް ވެސް ހުރަސްނޭޅުމަށެވެ.

ޖަލްސާ ބާއްވަން އެމްޑީޕީ އަށް ދޫކުރި ހުއްދަ ބާތިލްކޮށްފައިވާއިރު އިއްތިހާދުގެ ޖަލްސާ ޣައިރު ގާނޫނީ ކަމަކަށް ވަނީ ކީއްވެގެން ކަމެއް އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އިދިކޮޅު ފަރާތްތަކުން ކުރަން އުޅެނީ ކޮން ކަމެއް ހައުސިން މިނިސްޓްރީން ނުބުނެ އެވެ.