އަޅުގަނޑަކީ ފަސޭހައިން ގޮތް ދޫކުރާ މީހެއް ނޫން: ރައީސް ޔާމީން

އެމަނިކުފާނަކީ ފަސޭހައިން ގޮތް ދޫކުރައްވާ ބޭފުޅެއް ނޫން ކަން އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ގަބޫލު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.


"މަގޭ ދީނާއި މަގޭ ގައުމު" މި ނަމުގައި ކާނިވާ ސަރަހައްދުގައި ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މަގުން ކައްސާލައިފިކަން، މީހަކަށް ކިޔައި ނުދެވިއްޖެނަމަ، ހުންނަވާނީ އެމަނިކުފާނުގެ ގޮތުގަ އެވެ. އެއީ އެމަނިކުފާނުގެ ފިލޯސިފީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ގޮތް ދޫނުކުރާނެ. އަޅުގަނޑު މިހުރީ ރަނގަޅު މަގުގައިކަން އެނގިފައި، އަޅުގަނޑު މަގުން ކައްސާލައިފިކަމަށް އެހެން މީހަކަށް އަޅުގަނޑަށް ފަހުމްވާ ވަރަށް ކިޔައި ނުދެވޭ ކަމަށްވާނަމަ، އަޅުގަނޑު ހުންނަން ޖެހޭނީ، އަޅުގަނޑުގެ ގޮތުގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ގިނަ ބޭފުޅުންނާ މައްސަލަ ޖެހެނީ ވެސް ގޮތް ދޫ ނުކުރާތީ ކަމަށެވެ. އަދި މިހާރު އުޅުއްވާ ސިޔާސީ ބޭފުޅުންނާ މައްސަލަ ޖެހިގެން އުޅެނީ "ދާނުގެ ހޫނުކަން ނުކެނޑެނީސް، އެ ދާނުގައި އޮށޯވެގެން ނޫން" ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުންނާ މައްސަލަ ޖެހެނީ އުސޫލުތަކުގައި ހިފަހައްޓާތީ އެވެ. އެމަނިކުފާނު މިސާލެއްގެ ގޮތުގައި ނެންގެވީ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލި މައްސަލައަށެވެ. ދައުލަތުގެ މުއައްސަސާތައް އެއްކޮޅުގައި އޮވެފައި، އެމަނިކުފާނާއެކުގައި އޭރު ހުންނެވީ ސިޔާސީ އެންމެ ލީޑަރެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ދުއާ ކުރަނީ.---ފޮޓޯ: ރައީސް އޮފީސް

"އެހެން ހުރިހާ ލީޑަރުން ތިއްބެވީ އަނެއް ކޮޅުގައި. އެކަމަކު، އަޅުގަނޑު ގޮތް ދޫނުކުރީ. އަޅުގަނޑު ގޮތް ދޫނުކޮށް، އަޅުގަނޑު ބުނީ އަޅުގަނޑުމެންގެ އެއާޕޯޓު އަޅުގަނޑުމެން ބޭނުމޭ. އަޅުގަނޑުމެންގެ އެއާޕޯޓު ނުލިބުނު ނަމަ، މިއަދު މި ގެންނަ ތަރައްގީ ގެނެވޭނެތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަހުޒީބީ މުޖުތަމައުއަކަށް ރައްޔިތުން ގެންދާއިރު، އެ ރައްޔިތުންނަކީ ތަނަވަސް، އުފަލުން ފޮޅިފައި ތިބޭ ބަޔަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެހެންވެ، ދިވެހިންނަށް މި ހުވަފެން ހަގީގަތަކަށް ވިޔަ ދެއްވުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހުގެ 1 ގައި ގެންނަން އުޅުނީ ބަޣާވާތެއް ކަމަށާއި ބަޣާވާތުގެ ފަހަތުގައި ތިއްބެވީ "ޝަރަފްވެރި ބޭފުޅުން" ތަކެއްކަން ފުލުހުންގެ ތަހުގީގުން އެނގެން އޮވެ އެވެ. އެހެންވެ، ރައީސް ޔާމީން އެކަން ސިފަ ކުރެއްވީ "ބަޣާވާތްފުޅު" ގެ ގޮތުގަ އެވެ.

ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރަށް ސަރުކާރުން ބޯލަނބާފައެއް ނުވެ އެވެ. އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ވަނީ އެ އަމުރު ތަންފީޒުނުކޮށް، ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފަ އެވެ. މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.